އުދުހޭ ކާރުތަކާއި ޑްރޯންތައް ނައްޓާލުމާއި ޖެއްސުމަށް ހާއްސަ ދުނިޔޭގެ ފުރަތަމަ ވާޓިޕޯޓް އިނގިރޭސި ވިލާތުގެ ކޮންވެންޓްރީގައި ހުޅުވައިފި އެވެ.
އެއާވަންގެ ނަމުން ނަން ދީފައިވާ މި ވާޓިޕޯޓްގެ މަޝްރޫއު މިދިޔަ އޮކްޓޯބަރުގައި އިއުލާން ކުރި ނަމަވެސް ރަސްމީ ގޮތުން މިތަން ހުޅުވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
އިނގިރޭސި ވިލާތުގެ މެދުގައި އޮންނަ ސަރަހައްދެއްގައި ތަރައްގީކުރި މި ވާޓިޕޯޓުން އެގައުމުގެ ކޮންމެ ތަނަކަށް ވެސް ހަތަރު ގަޑިއިރުން ދެވޭނެ އެވެ.
އުދުހޭ ކާރުމތަކާއި ސައިޒުން ބޮޑު ޑްރޯންތަކުގެ ޓެކްނޮލޮޖީ ކުރިއަރަމުން އަންނައިރު މި ވާޓިޕޯޓް ހުޅުވުމަކީ ތިމާވެށްޓާ ރައްޓެހި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ގާއިމުކުރަން އެޅޭ ފިޔަވަޅެއް ކަމަށް މާހިރުން ވިދާޅުވި އެވެ.
އެއާ ވަން ވާޓިޕޯޓް ވެގެންދާނީ ޓެސްޓު ކުރުމުގެ މަރުހަލާގައިވާ އުދުހޭ ކާރުތަކާއި ޑްރޯންތައް ނައްޓާލާ ޖެއްސުމުގެ މައި ހަބް އަކަށެވެ.
އެއާއެކު ކުރިއަށް އޮތް އަހަރު ތަކުގެ ތެރޭގައި ތަރައްގީ ކުރެވޭނެ ގިނަ ވާޓިޕޯޓްތަކުގެ ސާމްޕަލް ބްލޫ ޕްރިންޓެއްގެ ގޮތުގައި ވެސް އެއާވަން ވާޓިޕޯޓް ބޭނުން ކުރެވޭނެ ކަމަށް އެތަނުގެ އިސްވެރިން ބުނެ އެވެ.
އެއާވަން ވާޓިޕޯޓް ތަރައްގީކުރި އާބަން އެއާ ޕޯޓްއިން ބުނީ 2027 އާ ހަމައަށް ދުނިޔޭގައި 200 އަށްވުރެ ގިނަ ވާޓިޕޯޓް ތަރައްގީ ކުރަން އެކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ.