ސްރީލަންކާގެ ހާލަތަށް ބަލައި، ރަތުމަލާނަ އެއާޕޯޓަށް މޯލްޑިވިއަންއިން ފެށި ދަތުރުތައް މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލަން ނިންމައިފި އެވެ.

މޯލްޑިވިއަންއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ލަންކާގެ މިވަގުތު ހާލަތަށް ބަލައި މޯލްޑިވިއަންއިން ރަތުމަލާނަ އެއާޕޯޓަށް ފެށި ދަތުރުތައް މޭއި މަހުން ފެށިގެން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި ބަދަލުވަމުންދާ ހާލަތަށް ބެލުމަށްފަހު ދަތުރުތައް އަލުން ފަށާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

މޯލްޑިވިއަންއިން މިހެން ބުނިއިރު، މިރަމަޟާން މަހާ ގުޅިގެން ވެސް އެ އެއާލައިނުން ރަތުމަލާނަ އެއާޕޯޓަށް ދަތުރުތައް ނުކުރެ އެވެ.

އެ އެއާލައިނުން ރޯދަމަހު ދަތުރު މެދުކަނޑާލުމަށްފަހު ބުނެފައިވަނީ ރޯދަމަހާ އެކު ދަތުރުކުރާ ފަރާތްތައް މަދުވާނެ ކަމަށް މީގެ ކުރިން ވެސް ލަފާ ކުރެވިފައި އޮތުމުން ދަތުރުތައް ރޯދަމަހު މެދު ކަނޑާލަން ކުރިން ވެސް ނިންމާފައިވާ ކަމަށެވެ.

ރަތުމަލާނަ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް މިދިޔަ މާޗު މަހު 27 ވަނަ ދުވަހު ޝެޑިއުލްކޮށް ފެށި އެވެ. އޭރު 299 ޑޮލަރަށް މޯލްޑިވިއަންގެ ޓިކެޓުގެ އަގުހުރިއިރު، އެ ކުންފުނިން ދިޔައީ ހަފްތާއަކު ތިން ފްލައިޓް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

ރަތުމަލާނަ އެއާޕޯޓަށް ދަތުރުތައް އަލުން ފެށީ، 50 އަހަރު ފަހުންނެވެ.

މި ދަތުރުތައް ފެށީ މި އެއާޕޯޓު ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަ އެއާޕޯޓެއްގެ ގޮތުގައި ލަންކާ ސަރުކާރުން ނިންމުމާއެކު އެވެ. ނަމަވެސް މިހާރު ލަންކާ މަސްރަހު އޮތް ގޮތުންނާއި އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު އެ ގައުމަށް ދަތުރުކުރާ ދިވެހިންގެ އަދަދުވެސް ވަނީ ދަށްވެފަ އެވެ.