ފިތުރު އީދާ ދިމާކޮށް ލިބޭ ދިގު ޗުއްޓީއަށް މާލެއިން ގިނަ އަދަދެއްގެ ބަޔަކު ފުރަން ފަށައިފި އެވެ.

މި އީދާ ދިމާކޮށް ނުވަ ދުވަހުގެ ބަންދެއް ލިބޭއިރު، ވެރިރަށް މާލެއިން ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް ވަނީ ފުރަން ފަށައިފަ އެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ އިން ގިނަ ބަޔަކު އަންނަނީ ފުރަމުންނެވެ.

ލޯންޗުތަކާއި ބޯޓު ފަހަރުގެ އިތުރުން، މަތިން ވެސް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުން އަންނަ އިރު، އެތެރޭގެ އުދުހުންތަކަށް ވަނީ ބާރުބޮޑުވެފަ އެވެ.

ގިނަ ބަޔަކު އަތޮޅުތެރޭގެ ރަށްތަކަށް އީދު މަޖާ ނެގުމަށް ފުރަމުން އަންނަ އިރު، ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތައް އިތުރުވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ޕާސްޕޯޓް ހިދުމަތަށް ބާރު ބޮޑުވެގެންދިޔަ ދުވަހެއް ކަމަށް އިމިގްރޭޝަންއިން ވަނީ ބުނެފަ އެވެ.

އީދާ ދިމާކޮށް ގެސްޓްހައުސް ވިޔަފާރީގައި ކުރާ ރަށްތަކަށް ބާރު ބޮޑުވާކަން ފާހަގަކޮށްލެވެ. މީގެ އިތުރުން މާލެ ކައިރީގައި ގެސްޓް ހައުސިން ވިޔަފާރި ކުރާ މާފުށި، ތުލުސްދޫ، ހުރާ، ދިއްފުށި ފަދަ ރަށްތަކަށް ވަނީ ޑިމާންޑު ބޮޑުވެފަ އެވެ.

މި އަހަރު މާފުށީގައި ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އީދު ބަންދަށް ގިނަ ބަޔަކު ދަތުރު ފަށާފައި ވާއިރު، އީދު ބަންދުގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

އީދުގައި ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށާއި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުން ގޯސްވާނެތީ ކަނޑު ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުތައް ރޭއްވެވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.