އާއްމު ދުވަހެއްގައި މާލޭގެ މަގުތަކަކީ ކާރޫބާރޫ ބޮޑު ހަލަބޮލި މަގުތަކެކެވެ. ހާއްސަކޮށް ހަވީރުގެ ވަގުތަކީ ޓްރެފިކް ތޮއްޖެހި އާއްމު ރައްޔިތުންނަށް ގިނަ އުނދަގޫތަކެއް ކުރިމަތިވާ ވަގުތަކެވެ.

އެހެން ނަމަވެސް މިއަދު ހަވީރު މާލޭގެ ހަލަބޮލި މި މަގުތަކުން ފެނުނީ ތަފާތު މަންޒަރެކެވެ. ބަރުގޮނުގެ އަޑު ކެނޑިނޭޅި އިވެމުން އަންނަ އެ މަގުތަކުން މިއަދު ފެނުނީ އަމާންކަމެވެ.

އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތެއް ކަމުގައި ސަރުކާރުން ކަނޑައެޅުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ހާއްސަކޮށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާނެ އުނދަގޫތަކުގެ ވާހަކަ ދައްކަމުން ދިޔަ އެވެ.

ނަމަވެސް އެ ފަރާތްތަކަށް މިއަދުގެ ހަވީރު މާލޭގެ މަގުތަކަށް ނަޒަރު ހިންގާލިނަމަ މިކަމުގެ މުހިއްމުކަން ފެނުނީހެވެ. މިއީ މާލޭގެ ރައްޔިތުން ކިހާ ބޭނުންވެފައިވާ ކަމެއްކަން އިހުސާސް ވީހެވެ.

މަޖީދީމަގުން މާފަންނުން ހެންވޭރަށް ހިނގާފައި ދިޔައިރު އެކި އުމުރުފުރާތަކުގެ މީހުން މަގުމަތީގައި ހަރަކާތްތެރިވާ ތަން ފެނެ އެވެ. ކުޑަކުދިން އެކުދިންގެ ސްކޭޓާ ނުވަތަ ކުޅޭ ކާރުތަކުގައި މިނިވަން ކަމާއެކު މަގުމަތީގައި އުޅެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ވެސް ފުރޮޅުލީ ގޮނޑީގައި މަގުމައްޗަށް ނުކުމެ ތާޒާ ވައިގެ އުފާ ހޯދަމުން ދިޔަ އެވެ.

މިއީ އާއްމު ދުވަހެއްގައި މި މާލެއިން ފެނުން ނާދިރު ކަމެކެވެ. ހަލަބޮލި ޓްރެފިކްގެ ތެރެއިން ކުޑަ ކުދިންނަށް މިނިވަން ކަމާއެކު ކުޅެ ނުހެދޭނެކަން ޔަގީނެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން މަގުމައްޗަށް ނިކުންނަން ފަސްޖެހޭނެ އެވެ.

ވީއިރު މިކަމުގެ މުހިއްމުކަން އެނގި ހާމަވެއްޖެ އެވެ. އެންމެ ދުވަހަކަށް އެއްގަމު އުޅަނދުފަހަރު މަނާ ކުރުމަކީ ވެސް ގިނަ ބަޔަކަށް ހިތްހަމަޖެހުން ގެނުވައިދިން ކަމެކެވެ.