ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ގާޒީ ބާރީގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމީ މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.
ގާޒީ ބާރީއާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލަ އެވެ.
ޖޭއެސްސީން ބުނީ އެ މައްސަލަތަކުގެ ތަހްގީގުގެ ގެތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު އާއި ގާޒީ ބާރީއާއި ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ ބާރީ ބައިވެރިވިކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ދައުވާގައި، ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަހްމަދު އަދީބް އަބްދުލްޣަފޫރަށް ފޮނުވުމަށް ގާޒީ ބާރީ އެ ހުކުމް ދިންކަންވެސް ޖޭއެސްސީގެ ތަހުގީގަށް ފާހަގަ ކުރެވިފައިވެ އެވެ.
ޖޭއެސްސީން ބުނީ ކުރީގެ ސަރުކާރުން "ބޭނުންވި ގޮތަށް ޝަރީއަތްތައް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު،" ގާޒީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތް ކަމަށެވެ.
ހަމަ އެ ދުވަސްވަރު ކުރީގެ ނައިބުރައީސް އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ގާޒީ ބާރީއަށް ދީފައިވާކަމާއި، ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ދައްކާފައިވާއިރު، އެފައިސާއަކީ ގާޒީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަހުގީގަށް އެނގޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ގާޒީ ބާރީ މިހާރު ހުންނެވި ސަސްޕެންޝަނުގައެވެ. ގާޒީ ބާރީ ސަސްޕެންޑުކުރީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި އޭނާ ހިމެނޭތީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އެވެ.