ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީންނާ ދެކޮޅަށް ރަޝިއާއަށް ލިބުނު ކާމިޔާބީ މި މެއި މަހުގެ ނުވަ ވަނަ ދުވަހު ޔޫކްރެއިންގެ މެރިއުޕޯލްގައި ފާހަގަ ކުރަން ރަޝިއާއިން ރާވަމުން އަންނަ ކަމަށް ޔޫކްރެއިންއިން ބުނެފި އެވެ.

ޔޫކްރެއިންއިން ބުނީ މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ރަޝިއާގެ ރިޔާސީ އޮފިޝަލަކު މެރިއުޕޯލްއަށް އައިސްފައިވާ ކަމަށެވެ.

"މެރިއުޕޯލް ވެގެންދާނީ ރަޝިއާގެ އުފާ ފާޅުކުރުން ތަކުގެ މައި މަރުކަޒަށް،" ޔޫކްރެއިންގެ އަސްކަރީ އިންޓެލިޖެންސްއިން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ނުވަ ވަނަ ދުވަސް ރަޝިއާއިން ފާހަގަ ކުރަނީ ނާޒީންނާ ދެކޮޅަށް ހަނގުރާމަކޮށް ކާމިޔާބު ލިބުނު އެގައުމުގެ ނަސްރުގެ ދުވަހުގެ ގޮތުގަ އެވެ.

އެގޮތުން ނަސްރުގެ ދުވަހާ ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ހިނގާލުން ބޭއްވުމަށްޓަކައި ހަނގުރާމައިގައި އެ ސަރަހައްދަށް ލިބުނު ގެއްލުންތައް ސާފުކޮށް މަގުތައް ރީތިކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މެރިއުޕޯލްއަކީ ހަނގުރާމައިގައި ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައިވާ ބަނދަރު ސަރަހައްދެކެވެ. މި ސަރަހައްދު މިވަގުތު އޮތީ ރަޝިއާގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

ނަމަވެސް މިފަދަ ކަމެއް ރާވަމުންދާ ކަމަށް ޔޫކްރެއިންއިން ކުރަމުންދާ ތުހުމަތުތައް ރަޝިއާއިން ވަނީ ދޮގުކޮށްފަ އެވެ. -- އަލް އަރަބިއްޔާ