ޓީޗަރުންގެ މުސާރަ ބޮޑުކޮށް މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެއްގޮތަށް ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ ބޮޑު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ލެކްޗަރާއިންގެ މުސާރަ އާ އޮނިގަނޑަށް ބަދަލުކުރުމަށް ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ އިސް ބޭފުޅުންނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތް ވަރަށް އަވަހަށް ނިންމައި އާންމު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު، ޗެކްޗަރާއިންގެ މުސާރަ ބޮޑުކޮށްފައިނުވާތީ ލެކްޗަރާއިން ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ނަމަވެސް ސަރުކާރުން މިވަނީ ލެކްޗަރާއިންގެ މުސާރަ ވަރަށް އަވަހަށް ބޮޑުވާނެ ކަމުގެ ޔަގީންކަން ދީފަ އެެވެ.

ސުކޫލު ޓީޗަރުންގެ ގޮތުގައި 6،815 މުވައްޒަފުންގެ ތެރެއިން ވަކި ވަކި ރޭންކުތަކަށް އަންނާނެ ބަދަލުތައް މިނިސްޓަރު އަމީރު ވަނީ ހިއްސާކުރައްވާފަ އެވެ. ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 ޕަސެންޓްގެ ބަދަލެއް، ރޭންކު 2 ގެ މުވައްޒަފުންނަށް 50 ޕަސެންޓްގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 ޕަސެންޓްގެ ބަދަލެއް ވަނީ ގެނެސްފަ އެވެ.

ޓީޗަރުންނަށް މީގެ ކުރިން ލިބެމުން އައި މުސާރައާއި ދެން ލިބޭނެ މުސާރަ

ރޭންކު 1- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 10،889ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 13،266 ރުފިޔާގެ މުސާރައެއް ލިބޭނެ.

ރޭންކު 2- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 13،089ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 19،467 ރުފިޔާގެ މުސާރައެއް ލިބޭނެ.

ރޭންކު 3- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 15،135ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 20،895 ރުފިޔާގެ މުސާރައެއް ލިބޭނެ.

މީގެ އިތުރުން ޕްރިސިޕަލުން 30 ޕަސެންޓާއި 35 ޕަސެންޓްގެ މުސާރަ ބޮޑުވިއިރު ލީޑިން ޓީޗަރުންގެ މުސާރައިގެ އިތުރުން ޓެނުއަޝިޕް އެލަވަންސަށް 2،000ރ. އަދި ތައުލީމީ ދާއިރާގެ އިދާރީ މުވައްޒަފުންނަށް މުސާރައިގެ 35 ބޮޑުކޮށްފައިވެ އެވެ.