ރޭ ފަތިހު އިންޑިއާ އެމްބަސީ ހިމެނޭ ސަރަހައްދު ހިމެނޭހެން ބައެއް މަގުތަކަށް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސް އެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ފަތިހު މާލޭގެ މަގުތަކަށް އިންޑިއާ އައުޓް ކަރުދާސްތަކެއް އެޅި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި މިމައްސަލަ ބެލުމަށްޓަކައި ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވެ އެވެ. ނަމަވެސް އިދިކޮޅުން ބުނީ އެއީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށާއި އިންޑިއާ އައުޓް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާއަށް ގަރާރު ނުނެރެވޭނެ ކަމަށެވެ. ހަމައެއާއެކު އިންޑިއާ އައުޓް ސްޕެލިން ބަދަލުކޮށް މާލޭގެ އެކި ސަރަހައްދު ތަކުގައި އިދިކޮޅުން ބޮޑެތި ބެނާތައް ދެމި އެވެ. ނަމަވެސް ކޯޓު އަމުރުގެ ދަށުން ފުލުހުންވަނީ އެ ހުރިހާ ބެނާތައް ނަގާފަ އެވެ.