ދަތް އުނގުޅާއިރު ނުވަތަ ދަތް ފްލޮސް ކުރާއިރު ހިރުގަނޑުން ލޭ އައުމަކީ ގިނަ މީހުން އާދައިގެ ކަމެއްގެ ގޮތުގައި ދެކޭ ކަމެކެވެ. ނަމަވެސް، މިއީ ހަމައެކަނި ދަތުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ހިތުގެ ނުރައްކާތެރި ބަލިތަކުގެ ނިޝާނަކަށް ވެސް ވެދާނެ ކަމަށް ތަޖުރިބާކާރު ދަތުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މާކް ބާހެން ބުނެފި އެވެ.
ޑރ. މާކް ބުނި ގޮތުގައި، ހިރުގަނޑު ދުޅަވުމުން އެތަނުގައި އުފެދޭ ޖަރާސީމުތައް ދައުރުވާ ލޭގެ ތެރެއަށް ޖަމާވެ އެވެ. މީގެ ސަބަބުން ހިތުގެ ހޮޅިތަކުގައި ސަރުބީ އުފެދި، ހިތުގެ ނާރުތައް ހަނިވެ، ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
އޭނާ ހިއްސާކުރި ހާދިސާއެއްގައި، އުމުރުން 40 އިން މަތީގެ ސިއްހަތު ރަނގަޅު އަންހެނަކު ދަތް ސާފުކުރަން އައިއިރު ހިރުގަނޑުން ލޭ އަންނަކަން ފާހަގަ ކުރެވުނެވެ.
އޭގެ ހައެއްކަ މަސް ފަހުން އޭނާއަށް ހާޓް އެޓޭކެއް ޖެހުނު ކަމަށް ޑޮކްޓަރު ބުންޏެވެ. މިއީ ސީދާ ހިރުގަނޑުން ލޭ އައުމުން ވީކަމެއް ނޫން ކަމުގައި ވިޔަސް، އަނގައިގެ ދުޅަހެޔޮކަމާއި ހިތުގެ ސިއްހަތާ ދެމެދު ބޮޑު ގުޅުމެއްވާކަން މީގެން އެނގިގެންދެ އެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަން އިންވެސް ވަނީ ހިރުގަނޑުގެ ބަލިތަކާއި، ހިތުގެ ހިނގުމަށް އަސަރުކުރާ ބަލިތަކާއި ހިތް ފެއިލްވުމާ ގުޅުންހުރި ކަމަށް ބުނެފަ އެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
- ދުވާލަކު ދެ އިރު ރަނގަޅަށް ދަތް އުނގުޅުން.
- ފްލޮސް ބޭނުން ކޮށްގެން ދަތްތަކުގެ ދޭތެރެ ސާފު ކުރުން.
- ގަވާއިދުން ދަތުގެ ޑޮކްޓަރަށް ދެއްކުން.
އަނގައިގެ ސިއްހަތަކީ ހަމައެކަނި ރީތިކަމަށްޓަކައި ބަލަހައްޓަންޖެހޭ ކަމެއް ނޫނެވެ. މިއީ މުޅި ހަށިގަނޑުގެ ސިއްހަތާއި، ހާއްސަކޮށް ހިތުގެ ރައްކާތެރި ކަމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
މުޒާހަރާ ކުރިއަށްގެންދަން ބޭނުންވަނީ މަޖީދީމަގުގައި: އެމްޑީޕީ
ކަޅު ބާޒާރުގެ ޑޮލަރު ރޭޓު ފެންނަ ވެބްސައިޓު ރާއްޖޭގައި ބްލޮކް
އެންމެ ގިނައިން ބެލީ މަގުމައްޗަށް ކުނި އެޅި މައްސަލަތައް