ރައީސް ޔާމީން ސައިޒުކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން މީހާ އިންޑިއާއަށް ފުރުވާލި ކަމަށް ތުހުމަތު ކޮށްފި އެވެ.
އޭނާ ފުރުވާލި ކަމުގެ ތުހުމަތު ކޮށްފައިވަނީ އެ މައްސަލަ ބަލާދިނުމަށް އެދި އިދިކޮޅުން ފުލުހުންނަށް ހުށައަޅާފައިވަނިކޮށެވެ. އިދިކޮޅުން ބުނީ އެމައްސަލައާއި ގުޅިގެން ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ.
އޭނާ ފުރި މައްސަލައާ ބެހޭގޮތުން ސުވާލުކުރުމުން ފުލުހުންވެސް އަދި އިމިގްރޭޝަނުންވެސް އެކަމުގައި ޖަވާބު ދީފައެއްނުވެ އެވެ.
މިކަމާ ގުޅިގެން ޕީޕީއެމްއިން ބުނީ ސައީދު ފުރުވާލިކަން އެނގިފައި ނުވާ ކަމަށާއި ރައީސް ޔާމިންއަށް އިންޒާރު ދިނީ އިންޑިއާ ހައި ކޮމިޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި މި ސަރުކާރަށް ވާގިވެރިވާ ފަރާތްތަށް ފަހަތުގައި ތިބެގެން ކަމަށްވާތީ އެންމެން ގުޅިގެން އޭނާ ފުރުވާލުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްްގެ ގޮތުގައި އަވަހަށް ބަލައި އަދި މިފަދަ އިންޒާރުގެ މައްސަލަތަކާ ގުޅިގެން ހަމަހަމަ ކަން އިސް ކުރުމަށް ޕީޕީއެމްއިން ގޮވާލި އެވެ.
ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަހުގީގުނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫންވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. މިހާރު މަޖިލިސް އޮތީ ރިސެސްގައި ކަމުން އެ ކަމަށް އަދި ގޮތެއް ނިންމާފައިނުވެ އެވެ.
ރައީސް ޔާމީނު ސައިޒުކޮށްލާނެކަމަށް ބުނެ އިންޒާރު ދިން މީހަކީ އިންޑިއާ އެމްބަސީއާ ގާތް ގުޅުމެއް އޮންނަ މީހެއްކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އޭނާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ދިގު ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ގޭގައި ސަރުކާރުން ބަހައްޓާފައި ހުންނަވާ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މީހެކެވެ.