ބަރުދަން ލުއި ކުރުމަށް އެކި މީހުން ގެންގުޅެނީ އެކި އުކުޅެވެ. ކުރަނީ އެކި ކަންކަމެވެ. މި ހުރިހާ ކަމަކާއެކު ވެސް ފަސޭހައިން އަވަސް ނަތީާއެއް ފެންނަ ގޮތަކަށް އެކަން ކުރުމަކީ އެންމެން ވެސް ބޭނުންވާ ގޮތެވެ.

މިގޮތުން ބަލާއިރު ނިދާ ހޭލައިން ސައިބުއިމުގެ ކުރިން ދެ ތަށި ފެން ބުއިމަކީ ބަރުދަން ލުއިކުރުމަށް މަގުފަހިވާ ކަމެއް ކަމުގައި އެމެރިކާގެ ސިއްޚީ ވެބްސައިޓެއް ކަމުގައިވާ ވެބްއެމްޑީ އިން މިވަނީ ބުނެފަ އެވެ.

އިތުރު އެހެން އެއްވެސް އެއްޗެއް ނާޅައި ސާފު ފެންތަށްޓެއް ނުވަތަ ދެތަށި ފެން ހުސްބަނޑާ ހުރެ ބޯލުމުން ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިބެ އެވެ.

މިގޮތުން ފުރަތަމަ ކަމަކަށް، ފެނަކީ އެއްވެސް ވަރެއްގެ ކެލޮރީއެއް ހުންނަ އެއްޗަކަށް ނުވުމާއެކު ބަރުދަނަށް ބަދަލެއް ނުގެނެސް ތިމާގެ ބަނޑު ފުރާލަދެ އެވެ. ނަތީޖާއަކަށް ވަނީ އެހާ ގިނައިރު ނުކައި ހުރެފައި ކޮންމެހެން ހެނދުނުގެ ނާސްތާ ކޮންމެ ދުވަހަކު ގަދައަށް ބޭނުން ނުވުމެވެ.

ހަަމައެޔާއެކު ހަށިގަނޑުގެ މެޓަބޯލިޒަމް ނުވަތަ ކާނާ ހަޖަމު ކުރެވުމުގެ ނިޒާމުގެ މަސައްކަތްވެސް ލުއިކޮށްދީ އަވަސްކޮށްދިނުމުގައި މި ފެންތަށި މުހިންމު ދައުރެއް އަދާކުރެ އެވެ. މިއީވެސް ތިމާގެ ބަރުދަން ލުއިކޮށްދިނުމަށް ވަރަށް ބޮޑު އެހީ އެކެވެ.

އެހެންކަމުން ދެން ފަހަރަކުން ހެނދުނު ހެނދުނާ ކިތަންމެ އަވަސް އަރުވާލައިގެން އުޅުނަސް ކެއުމުގެ ކުރިން ނިކަން ހަމަޖެހިލައިގެން ދެ ތަށި ފެން ބޯން އާދަ ކުރާށެވެ.

މީގެއިތުރަށްވެސް ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ތިމާއަށް ކުރެވިދާނެ އެތައް ކަމެއް ވެއެވެ. މީގެ ތެރޭގައި، ނާސްތާގެ ކުރިން އާދައިގެ ވަރަކަށް ކަސްރަތުކުރުމާޢި ނާސްތާގައި ޕްރޮޓީން އިތުރުކުރުމާއި، އެދުވަހެއްގައި ކެއުމަށް ގަސްދު ކުރާ އެއްޗެހި ކުރީބައިގައި ރާވާލުންވެސް ހިމެނެ އެވެ.