ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި އެންމެ ޢާއްމު އެއް ބައްޔަކީ ހަކުރު ބައްޔެވެ. ހަކުރު ބައްޔަކީ، ކޮންމެ ޢާއިލާއަކަށްވެސް އޭގެ އަސަރު ކޮށްފާނެ ބައްޔެކެވެ.

ވީމާ މި ބަލިން ރައްކާވެ ތިބުމަށްޓަކައި ތިމާގެ ދިރި އުޅުމުގެ ކަންތައް ބައްޓަން ކުރަން ޖެހެ އެވެ. ކެއިންބުއިމާއި ހެލިފެލިވެ އުޅުން ޞިއްޙަތަށް ފައިދާވާ ގޮތަށް ގެންގުޅެން ޖެހެ އެވެ.

ޚާއްޞަކޮށް ކެއިން ބުއިމުގައި ހަކުރު ހިމެނޭ ބާވަތްތައް ވަރަށް ބޮޑަށް މަދުކުރުން މުހިއްމެވެ. ދުވާލަކު މަދުވެގެން 30 މިނެޓް ކޮއްމެވެސް ކަހަލަ ކަސްރަތެއް ކުރުންވެސް މުހިއްމެވެ.

އެއާއެކު ދުންފަތާއި މަސްތުވާތަކެތީން ދުރުހެލިވުމަކީ ވެސް ހަކުރު ބަލިން ދުރުހެލި ވުމަށް ކުރަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ޒުވާންކުދިން މަޖަލަކަށް ނަމަވެސް ބޯލާ އެނަރޖީ ޑްރިންކްސް ފަދަ ބުއިންތަކަކީ ހަކުރުބައްޔަށް މަގު ފަހިކޮށްދޭ ބުއިން ތަކެކެވެ.

ހަކުރު ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި، މާބޮޑަށް ބަނޑުހައިވުމާއި ވަރުބަލިވުމާއި .މާބޮޑަށް ކަރުހިއްކުމުގެ އިތުރުން ބަރުދަން ލުއިވުން އަދި ލޯފުސްވުން ހިމެނެ އެވެ. އެއާއެކު އަވަސް އަވަހަށް އިންފެކްޝަން އުފެދުމާއި އަވަސްއަވަހަށް ކުޑަކަމު ދެވުމުގެ އިތުރުން ފާރުގަނޑުތައް ރަނގަޅުވުމަށް ގިނަ ދުވަސް ވުމަކީ ވެސް މި ބަލީގެ ނިޝާނެކެވެ. މިފަދަ ކަމެއް ދިމާވާނަމަ ވީ އެއްމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ޓެސްޓް ހެދުމަކީ ރައްކާތެރި ވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.

ހަކުރު ބަލި ކޮންޓްރޯލް ނުވެ ގިނަ ދުވަސްވާނަމަ ކުރިމަތިވެދާނެ މައްސަލަތަކުގެ ތެރޭގައި ހިތާއި ލޭނާރުގެ ބަލިތަކާއި، ކިޑްނީ މައްސަލަތަކާއި ލޮލުގެ ބައްޔާއި ނާރުގެ ބަލިތައް ހިމެނެ އެވެ.

އެހެން ކަމުން ދުރާލާ ބަލި ހުރިކަން ދެނެގަނެ ފަރުވާ ލިބިގަނެ ހަކުރު ކޮންޓްރޯލްގަ ބަހައްޓައިފިނަމަ މި ކަންކަމުން ރައްކާތެރިވެވިދާނެ އެވެ.