ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާން އަވާހަރަވެއްޖެ އެވެ.

ޔޫއޭއީގެ ރައީސް 73 އަހަރުގައި އަވަހާރަވިކަން އެގައުމުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވީނަމަވެސް މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް އެ ގައުމަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މީގެ 8 އަހަރު ކުރީން 2014 ވަނަ އަހަރު ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާން އަށް ސްޓްރޯކެއް ޖެހިވަޑައިގަތެވެ. އަދި އާލާސްކަންފުޅު ބޮޑުވެ ވެރިކަމުގެ މުހިންމު ބައެއް ބާރުތައް ވަލީ އަހުދު މުހައްމަދު ބިން ޒަޔިދް އަލް ނަހްޔާންއާ ވަނީ ހަވާލު ކުރައްވާފަ އެވެ.

ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ކުރިއަށް އޮތް 40 ދުވަހަށް އެ ގައުމުގައި ވަނީ ގައުމީ ހިތާމަ އިއުލާނުކޮށްފަ އެވެ. އަދި ކުރިއަށް އޮތީ ރަސްމީ ބަންދު ތިން ދުވަސް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާން އަވަހާރަވުމުގެ ހިތާމަ ފާޅުކޮށް ގައުމުތަކުގެ ވެރީން ގެންދަވަނީ ތައުޒިޔާ ފޮނުއްވަމުންނެވެ.

ޝައިޚް ޚަލިފާ ބިން ޒައިދު ޔޫއޭއީގެ ރައީސްކަމާއި، އަބޫދާބީގެ ވެރިޔާގެ މަގާމް އަދާކުރަމުން އަންނަނީ 2004 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3ވަނަ ދުވަހުން ފެށިގެންނެވެ.