އޭނާއަކީ ޓީޗަރެއް. ވާހަކަ ލިޔުންތެރިއެއް. އަދި ފެހުމުގެ މަސައްކަތަށް ވެސް މޮޅު ޒުވާނެއް. މާހެދުމުގެ މަސައްކަތަށް އޭނާއަށް ނުކުމެވުނީ ޕްލާސްޓިކް ކޮތަޅުން ފައިދާހުރި އެއްޗެއް ހެދުމަށް އުޅުމުގެ ތެރެއިން. ފުރަތަމަ ހެދި މާފެނިފައި ގިނަ ބައެއްގެ ތަރުހީބު ލިބުނު. ތަފާތު އެކި އެއްޗެހި ބޭނުންކޮށްގެން ހިތްގައިމު މާހެދުމަކީ އޭނާ އެންމެ ކުރާހިތްވާ މަސައްކަތް. ގާތް މީހުންނާއި ކަސްޓަމަރުން ދޭ ހިތްވަރަކީ އެ މަސައްކަތުގައި ދެމިހުރުމަށް ލިބޭ ބާރެއް.

މާމެލާމެއްޔަށް ބަލައިލުމުން ހިތުގައި ތަފާތު އަސަރުތަކެއް އުފައްދަ އެވެ. ހިތްހަމަޖެހެ އެވެ. އުފާވެރިވެ އެވެ. ގުދުރަތީ މަލުން ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ތައްޔާރީ މަލުން ވެސް ލިއްބައިދިނުމަކީ އެ މަސައްކަތުގެ ފަންނުވެރިންގެ ހުނަރުވެރިކަމުން މިއަދު ދާދި ފަސޭހަ ކަމެކެވެ.

ށ. މަރޮށި، ނަޝީދާ އަބްދުއްޝުކޫރު (ނަޝީ)އަކީ ކުޑަ ދެކުދިން ބެލުމުގެ ޒިންމާ ނަގަމުން ތައްޔާރީ މާބޮނޑި ހެދުމުގެ މަސައްކަތް ކުރާ ވަރަށް ހީވާގި، އަދި އެ ފަންނުގައި ވަރަށް ފުންނާބު އުސް ޒުވާނެކެވެ.

ރިބަން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މަލުގެ ބޮކޭއެއް: ވިޔަފާރިއަށް މާބޮނޑި ހެދުމުގެ ކުރިން ގާތްމީހުންނަށް މާބޮނޑި ތައްޔާރުކޮށްދިން

މަލުގެ މަސައްކަތް ކުރި ނަމަވެސް އޭނާ ސްކޫލް ނިމުމަށްފަހު ޚިޔާރުކުރި ދާއިރާއަކީ ޓީޗިން އެވެ. އެންމެ ވާން ބޭނުންވީ ޓީޗަރަކަށެވެ. އެކަމަށްޓަކައި 2016 ވަނަ އަހަރު އެމްއެންޔޫގައި ޓީޗިން އެޑްވާންސް ކޯސް ފުރިހަމަ ކުރި އެވެ. އެއަށްފަހު 2018ގައި އެވިޑް ކޮލެޖުން "ޕްރީސްކޫލް ޓީޗިން އިން އާލީ ޗައިލްޑް ހުޑް" ފުރިހަމަ ކުރި އެވެ. ކޯސް ނިންމާފައި ވަގުތީ ޓީޗަރަކަށް އުޅެމުން ޑިޕްލޮމާއަށް ކިޔެވިއިރު ދެވަނަ ދަރިޔަކު ލިބުމުން ޓީޗިން އާ ވަކިވާން ޖެހުނެވެ. އެއީ ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ކުދިން ބެލުމަށް ދަތިވާނެހެން ހީވާތީ އެވެ. އެ ހިސާބުން ދެން އޭނާ ނިންމީ އެންމެ ކުރާހިތްވާ މަސައްކަތައިގެން ކުރިއަށް ދިއުމަށެވެ. ތައްޔާރީމާ ހެދުމުގެ މަސައްކަތް ކުރުމަށެވެ.

ސްޓޮކިން މާ ބޮކޭއެއް: އެންމެ ފުރަތަމަ ސްޓޮކިންސް މާބޮކޭއެއް ހެދީ ގާތް ރައްޓެސެއްގެ ކައިވެނި ޕާޓީއަކަށް

ކަވި މަސައްކަތް ކުރުމަށް ލޯބިކުރާ ނަޝީ މާހެދުމުގެ މަސައްކަތަށް ޝައުގުވެރިކަން އުފެދުނީ ސްކޫލްގައި އުޅުނު ދުވަސްވަރެވެ. މަރޮށީ ސްކޫލުން ކިޔެވި ދުވަސްވަރު ގޭތެރޭގައި ޕްލާސްޓިކް ކޮތަޅު މާގިނަވުމުން އޭގެން މުހިންމު ބޭނުމެއް ކުރަން ވިސްނި ހިސާބުންނެވެ. ގިނަވާ ޕްލާސްޓިކް ކޮތަޅު ރިސައިކަލް ކުރުން (ބާ އެއްޗަކުން ބޭނުންތެރި އެއްޗެއް އުފެއްދުންމުގެ ބޭނުމުގައި) އެކޮތަޅުން އޭނަ މާ ހަދަން ފެށި އެވެ.

ނަޝީ ޕްލާސްޓިކް ކޮތަޅު ބޭނުންކޮށްގެން ހަދާފައިވާ މަލެއް: ކޮތަޅު ރިސައިކަލް ކުރުމުގެ ތެރޭން މާހެދުމުގެ ވިސްނުން އުފެދުނު

އޭރު އޭނާގެ އަތުގައި ފޯނެއް ނެތުމުން މާހެދުމުގެ މޯބޮޑު ތަމްރީނެއް ނުލިބެ އެވެ. އާ ނަމޫނާއެއް ނުފެނެ އެވެ. އެހެން ނަމަވެސް ހިތު މިސާލަށް ހަދާ، އެ މާތަށް ފަރި އެވެ. ގިނަ ބަޔަކަށް އެ މަސައްކަތް ވަރަށް ރީތިވި އެވެ. މީހުންގެ ފަރާތުން ލިބުނު ތަރުހީބާއި، ހިތްވަރުގެ ބަސްތަކަކީ އޭނާ އެ މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބުނު އިތުރު ބާރަކަށްވި އެވެ.

"އޭރު ހަމަ ކޮތަޅެއް ލިބޭއިރަށް މާހަދަން. މާހަދަން ފަރިތަވީ އެގޮތަށް މާހަދަމުން ގޮސް. އަތުގައި ފޯނެއް ނޯވޭ. މީހުން މަސައްކަތް ކުރާގޮތެއް ވެސް ނުފެނޭ. ހަމަ ހިތަށް ފެންނަ ރީތި ގޮތްގޮތަށް މާހަދަމުން ގެންދިޔައީ. ފޯނު ލިބުނު ފަހުން ޔޫޓިއުބުން ވީޑިއޯ ބަލައިގެން މި ކަމާބެހޭ އިތުރު ކަންކަން ދަސްކުރީ،" ނަޝީ ކިޔައިދިނެވެ.

ނަޝީ ހަދާފައިވާ ފިނިފެންމާ ބޮކޭއެއް: ފުރަތަމަ މާހަދަންފެށީ ނަމޫނާއަކަށް ބެލުމެއްނެތި އަމިއްލަ ވިސްނުމަށް

ކޮތަޅުން މާހެދުމުގެ ތަޖުރިބާ ލިބުމަށްފަހު އޭނާ ތަފާތު މެޓީރިއަލަކުން މާހަދަން ފެށި އެވެ. އެއީ ސްޓޮކިންސް އެވެ. މިފަހަރު ހަމައެއްޗެއް ތައްޔާރު ކޮށްލީއެއް ނޫނެވެ. މުހިންމު ހަފްލާއަކަށް އޭނާގެ މަސައްކަތް ދައްކާލުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފީ އެވެ. ސްޓޮކިން ބޭނުން ކޮށްގެން ރައްޓެހި ކުއްޖެއްގެ ކައިވެނީގެ ޕާޓީއަށް މިފަހަރު ހަދައިދިނީ ސްޓޮކިން މަލުގެ ބޮކޭއެކެވެ. އެ މަސައްކަތް ވެސް މީހުން ވަރަށް ބަލައިގަތެވެ. ވަރަށް ތަރުހީބު ދިނެވެ.

ނަޝީ: ގިނަ މެޓީރިއަލް ބޭނުންކޮށްގެން މާހަދާ، މީހުންގެ ތެރޭގައި އެންމެ މަގުބޫލީ ޕައިޕް ކްލީނާ ބޭނުންކޮށްގެން ހަދާމާ

ނަޝީ ކޮންމެވެސް ވަރަކަށް ފެހުމުގެ މަސައްކަތް ވެސް ކޮށް އުޅެ އެވެ. އަދި ނޫސްތަކަށް ވާހަކަ ވެސް ލިޔެ އެވެ. އެހެން ނަމަވެސް މާ ހަދާފައި އެކަންކަމަށް ވަގުތު ނުލިބޭތީ އޭނާ ނިންމީ ހަމައެކަނި މާހެދުމުގެ ފަންނުގައި ކުރިއަށް ދިއުމަށެވެ. އެކި ކަހަލަ ފަންނަށް ނަޝީ ކިތަންމެ މޮޅު ނަމަވެސް މަރޮއްޓަކީ ވަރަށް ކުޑަ އާބާދީއެއް އޮންނަ ރަށެއް ކަމުގައި ވާތީ އެ މަސައްކަތުން މާބޮޑު އުޖޫރައެއް އޭނާއަށް ނުލިބޭނެކަން އޭނާ ގަބޫލުކުރެ އެވެ.

ނަޝީ ގެންގުޅުނީ މީހުން އެދުނީމައި މަސައްކަތް ކޮށްދޭ އުސޫލެވެ. ލިބޭ އެއްޗަކަށް ނުވިސްނައި އޭނާ ގެންދިޔައީ ތަފާތު ތަކެތި ބޭނުންކޮށްގެން މާހަދަމުންނެވެ. ކޮތަޅުން ފެށިގެން ސްޓޮކިންސް، ރިބަން، އަދި އެންމެފަހުން ފޯމް ކަރުދާހުން ވެސް މާހަދަން ފެށި އެވެ.

ފޯމް ކަރުދާހުން ހަދާފައިވާ ޕީސްލިލީ މާބޮނޑިއެއް: މުހިންމު ދުވަސް ދުވަހާއިދިމާކޮށް ގިނަ އޯޑަރު ލިބޭ

އޭގެ އަހަރުތަކެއް ފަހުން 2021ގައި އޭނާގެ ކުޑަދެކުދިންނަށް ކިޔަވައި ދިނުމުގެ ބޭނުމުގައި މާލެއަށް ބަދަލުވި އެވެ. އެއަށްފަހު މަލުގެ މަސައްކަތަށް ހަގީގީ ކުރިއެރުންތަކެއް ލިބުނުކަން އޭނާ އުފަލާއެކު ފާހަގަކުރި އެވެ.

"ހަގީގީ ކުރިއެރުން ލިބެން ފެށީ މާލެ ބަދަލުވުމަށްފަހު. ފުރަތަމަ ދުވަސްކޮޅު މަސައްކަތް ކުރުމަށް ދިރިއުޅޭ ތަންކޮޅުގެ ދަތިކަން ދިމާވި. މިސާލަކަށް ގެންގުޅޭ އެއްޗެހި ފޮރުވަން ލާނެ ތަނެއް ނުހުރޭ، މާލޭގެ ދިރިއުޅުމަށް ހޭނެން ދުވަސްކޮޅެއް ނެގި. މަސައްކަތް ފެށުމަށް ފުރަތަމަ ރިބަނުން ފިނިފެން މަލެއް ހަދާފައި ވިކޭތޯ ބަލަން އެފްބީގެ 'މާކެޓް ޕްލޭސް' އަށް ލީ. އެމާ 5 މަސްވީއިރު ވެސް ނުވިކޭ. ހަދާނެ ގޮތެއް ނޭނގި މާޔޫސްވެފައި ދުވަސްކޮޅަކު ހުންނަށްވެސް ޖެހުނު. ދެން އެއްދުވަހަކު ހަމަ ކުއްލިއަކަށް މީހަކު އޯޑާދީފި މަލެއް ހަދަން. އެމީހާ ޚިޔާލުދިނީ މިމަސައްކަތް އިސްތިހާރު ކުރުމަށްޓަކައި ޕޭޖެއް ހެދުމަށް،" ނަޝީ ކިޔައިދިނެވެ.

ނަޝީ ރިބަން ބޭނުންކޮށްގެން ހަދާފައިވާ ފިނިފެންމާ ބޮކޭއެއް: މީހުންގެ ފަރާތުން ލިބޭ ތަރުހީބާއި، ހިތްވަރުގެ ބަސްތަކަކީ އޭނާ މިމަސައްކަތުގައި ކުރިއަށް ދިއުމަށް ލިބޭ ބާރެއް

ނަޝީގެ މަލުގެ މަސައްކަތް އިޝްތިހާރުކުރުމަށް ރަޖިސްޓްރީކުރި "ފްލޮރަލް ފެންޓަސީ"އަކީ އެ މަސައްކަތް ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދެވުމުގެ އަސްލެވެ. މިއަދު އެ ޕޭޖަށް ލިބޭ ތަރުހީބު ބޮޑެވެ. ޚާއްސަކޮށް މުހިންމު ދުވަސް ދުވަހާ ދިމާކޮށް ގިނަ އޯޑަރުތަކެއް ލިބެ އެވެ. މިއަދު ކަރުދާހާއި ރިބަނަށް ވުރެ ބޮޑަށް ޕައިޕް ކްލީނާ ބޭނުންކޮށްގެން ހަދާ މަލަށް ބޮޑު ތަރުހީބެއް އޮންނަ ކަމަށް އޭނާ ބުންޏެވެ.

މަސައްކަތުގެ ކަވިކަމުން ކެތްތެރިކަމަކީ މުހިންމު ކަމެއްކަމުގައި އޭނާ އަބަދުވެސް ހަނދާން ބަހައްޓަ އެވެ. އެ މަސައްކަތަށް ގިނަ ވަގުތު ވެސް ހޭދަވެ އެވެ. މަސައްކަތް ނިންމުމަށް ބައެއް ފަހަރު ހޭލާ ހުންނަން ވެސް ޖެހެ އެވެ. އެކަމުގެ ނަތީޖާ ވެސް ވަރަށް ފޮންޏެވެ. މިއަދު އޭނާ ހަދާ މާ މީހުން ގަންނަނީ ހަމައެކަނި ޚާއްސަ ދުވަހެއް އައުމުން އެކަންޏެއް ނޫނެވެ. އޭގެ ރީތިކަމާއި ފަރިކަމުން ހަމައެކަނި ފޮޓޯ ނަގާލުމުގެ ބޭނުމުގައި ވެސް މާ ގަނެ އެވެ.

"ކަސްޓަމާސް އަޅުގަނޑުގެ މަސައްކަތް ބަލައިގެންފިކަމުގެ މިންގަނޑެއްކަމުގައި އަޅުގަނޑު ދެކެނީ އެއް އޯޑާއަކަށް ވުރެ ގިނަ އޯޑާއެއް އެއް ކަސްޓަމާއެއްގެ އަތުން ލިބިއްޖެނަމަ. އެހެން ވެއްޖެނަމަ އެއީ ވަރަށް އުފާވާނެ ކަމެއް،" ނަޝީ ބުންޏެވެ.

މަލުގެ މަސައްކަތަކީ ސީޒަނަލް މަސައްކަތެއްކަން އޭނާ އަބަދުވެސް ހަނދާން ބަހައްޓަ އެވެ. ޚާއްސަ ދުވަސް ދުވަހަށް ލިބޭ އޯޑަރުތައް ނިންމުމަށް ބައެއް ފަހަރު ރޭގަނޑުގެ ނިދި ގުރުބާން ކުރަން ޖެހެނީ އެހެންވެ އެވެ. މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި އޭނާއަށް ހޯދައިދިނުމާއި އޯޑާތައް ޑެލިވާކޮށް ދިނުމަށް އެންމެ ބޮޑަށް އެހީތެރިވަނީ އޭނާގެ ފިރިމީހާ އެވެ. އެހެންކަމުން އޭނާގެ ފިރިމީހާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ.