ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ކޮވިޑް ވެކްސިން ރޭޓްގެ ގޮތުގައި ހިމެނި، 95 ޕަސެންޓްގެ ކާމިޔާބީއާއެކު ފައިޒާގެ އެންމެ ފަހުގެ ކްލިނިކަލް ޓެސްޓްތައް ނިންމާލައިފި އެވެ.

ބޭސް އުފައްދާ އެމެރިކާގެ އެންމެ ވަރުގަދަ އެއް ކުންފުނި، ފައިޒާ އިންކޯޕަރޭޓެޑް އާއި ޖަރުމަނުގެ ބަޔޯ އެން ޓެކް ކުންފުނި ގުޅިގެން އުފެއްދި ކޮވިޑް ވެކްސިންގެ ފަހުގެ ޓެސްޓްތައް ދެ މަސްދުވަހަށް ފަހު ނިންމާލައި ވެކްސިން ވިއްކުމުގެ ހާއްސަ ހުއްދައަކަށް މަދު ދުވަސްތަކެއް އެދޭނެ ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ.

ތަޖުރިބާކާރުން ބުނެފައި ވަނީ މިފަދަ ވެކްސިނެއްގެ ކާމިޔާބީ ރޭޓް 90 ޕަސެންޓަކީ ވެސް ވަރަށް އުއްމީދީ ނަތީޖާއެއް ކަމަށެވެ.

ފައިޒާއިން ބުނީ 43،000 ވޮލަންޓިއަރުންގެ މެދުގައި ގެންދިޔަ ފައިނަލް ޓެސްޓްގައި 170 މީހުންނަށް އެކި މައްސަލަތައް ދިމާވި ކަމަށެވެ. އަދި ބަލިޖެހިފައިވާ 8 މީހަކަށް ވެސް ވެކްސިން ދީފައިވެ އެވެ. އެ ވެކްސިންގެ ކާމިޔާބީ ރޭޓް 95 ޕަސެންޓަށް އެރިއިރު، ކޮވިޑް ދިހަ މީހަކަށް ޖެހި، އޭގެ ތެރެއިން އެކަކަށް އެ ވެކްސިންދިން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"މިއީ ވަރަށް ވަރުގަދަ ނަތީޖާއެއް. ވަރަށް ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔަ،" އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ރީޑިންގެ ޕްރޮފެސަރު އިއާން ޖޯންސް ވިދާޅުވި އެވެ.

ފައިޒާއިން އުއްމީދުކުރަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ވެކްސިން އެޑްވައިޒަރީ ކޮމިޓީން އެ ވެކްސިންގެ ނަތީޖާ ބެލުމަށްފަހު އަންނަ މަހުގެ ތެރޭގައި ވިއްކުމަށް ހުއްދަ ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އަދިވެސް މިގެންދަނީ ވެކްސިން އުފެއްދުން އަވަސްކުރަން މަސައްކަތްކުރަމުން. ކޮންމެ ދުވަހަކީ ވެސް މުހިންމު ދުވަހެއްކަން އަޅުގަނޑުމެންނަށް އެނގޭ،" ފައިޒާގެ ޗީފް އެގްޒެކްޓިވް އަލްބާޓް ބޮއުލާ ވިދާޅުވި އެވެ. ރޮއިޓާސް