ސޮސެޖާއި ލަންޗަން މީޓް ފަދަ ތައްޔާރީ މަހުގެ ބާވަތްތަކުން ކެންސަރަށް މަގުފަހިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯއިން 2015 ވަނަ އަހަރު އާއްމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދުވާލަކު ތައްޔާރީ މަހުގެ 50 ގްރާމް ކާ މީހާއަށް ކެންސަރު ޖެހުމުގެ ފުރުސަތު 18 ޕަސެންޓް އިތުރުވެ އެވެ.

ގެރިމަސް ފަދަ އެއްގަމު މަހުގެ ރަތް ބާވަތްތަކުން ވެސް ކެންސަރަށް މަގުފަހި ކުރުވާ ކަމަށާއި އެކަމަކު މި ހޯދުމަށް އަދި އެކަށީގެންވާ ވަރުގަދަ ހެއްކެއް ލިބިފައި ނުވާ ކަމަށް މި ރިޕޯޓް ބުނެ އެވެ. އަދި އެއްގަމު މަހުގެ ބާވަތްތަކުގައި ފައިދާތައް ވެސް ހިމެނޭކަން ޑަބްލިޔުއެޗްއޯއިން ފާހަގަ ކުރެ އެވެ.

އިނގިރޭސިވިލާތުގެ ކެންސަރު ރިސާޗުން ބުނީ ޑަބްލިޔުއެޗްއޯގެ މި ރިޕޯޓަކީ ތައްޔާރީ މަހާއި ރަތް، އެއްގަމު މަސް ބޭނުންކުރުން މަދުކުރަން ޖެހޭ ވަރުގެ ހެކިތައް ހުރި ރިޕޯޓެއް ކަމަށާއި އެކަމަކު މިފަދަ ބާވަތްތައް ކެއުން މުޅިން ހުއްޓާލަން ނުޖެހޭ ކަމަށެވެ. އަދި މަދުމަދުން ބޭކަން ސޭންޑްވިޗެއް ނުވަތަ ސޮސެޖެއް ކާލުމަކުން ނުރައްކަލެއް ނެތް ކަމަށް ވެސް ރިސާޗުން ބުންޏެވެ.

މި ދިރާސާއާއެކު ކެންސަރަށް މަގުފަހިވާ ތަކެތީގެ ލިސްޓަށް ތައްޔާރީ މަހުގެ ބާވަތްތައް އިތުރުވެފައި ވާއިރު އަދިވެސް މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ރަލާއި ދުންފަތްކަން ފާހަގަ ކޮށްލަން ޖެހެ އެވެ.

ތައްޔާރީ މަހުގެ ގޮތުގައި ބެލެވޭނީ ގުދުރަތީ މަހުގެ ބާވަތްތަކަށް ބައެއްކަހަލަ ރަހަތަކާއި ލޮނު ފަދަ ބާވަތްތައް އެއްކޮށް މޮޑިފައި ކޮށްފައި ހުންނަ މަހުގެ ބާވަތް ތަކެވެ. މިގޮތަށް އުފައްދާ ބާވަތްތައް ގިނަ ދުވަހު ނުބައި ނުވެ ހުންނާނެ ގޮތް ހެދުމަށް ބައެއް ކަހަލަ ކެމިކަލް ބޭނުން ކުރެއެވެ. މިއީ ކެންސަރަށް މަގުފަހި ކުރުވާ މައިގަނޑު ސަބަބެވެ.