އިންޑިއާ އައުޓް ހިންގާ ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމަށް އެ ކޮމިޝަނުގައި އިއްޔެ ހުންނަވަނިކޮށް މުހައްމަދު ހައްޔަރުކުރީ އެތަނުގެ ތެރެއިންނެވެ.

ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު މުހައްމަދު ކޯޓަށް ހާޒިރު ކުރުމުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ މުހައްމަދު ދޫކޮށްލަން އަމުރުކޮށްފަ އެވެ. ސަބަބެއް ކަމުގައިއޭނާ ވިދާޅުވީ، މުހައްމަދު ހައްޔަރު ކުރީ އިޖުރާއަތުތަކާއި ހިލާފަށް ކަމަށްވުމުންނެވެ. މިގޮތުން ހައްޔަރުކުރިއިރު ކޯޓު އަމުރު ދައްކާފައި ނުވާ ކަމަށާއި ކޯޓު އަމުރު ދެއްކީ ފުލުސް އޮފީހަށް ގެންގޮސްފައި ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

މި މައްސަލާގައި ދެން ހައްޔަރު ކުރީ ޕީޕީއެމް ތަކަންދޫ ގޮފީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރު އަލީ ނަސީމް (ތަކަނޭ) އެވެ. ތަކަނޭ 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން މި ދެބޭފުޅުން ވެސް ހައްޔަރުކޮށްފައިވަނީ އިންޑިއާ އައުޓް ހަރަކާތް ހިންގުމުގެ ތުހުމަތުގަ އެވެ. މިގޮތުން އިންޑިއާ އައުޓް ހިންގުމަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވުން ފަދަ ކަންކަން ކުރާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ މިދިޔަ މަހު ވަނީ ކަނޑައަޅައިފަ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކެމްޕެއިނާ ގުޅޭ އެކި ކުރެހުންތައް ކުރަހައި، ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެ ބެނާތައް ދެމި ގޭޭގޭގެ ވެރިން ފުލުހަށް ހާޒިރު ވެސް ކުރި އެވެ.