ކޮލަމްބޯ (20 މެއި) - ސްރީލަންކާއަށް ކުރިމަތި ވެފައިވާ އިގުތިސާދީ އަޑިގަނޑުގެ ތެރެއިން އެގައުމުން ކާބޯތަކެތި ހުސްވަމުންދާކަމުގެ އިންޒާރު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގެ ދެއްވައިފި އެވެ.

ޓުވިޓާގައި އިއުލާން ކުރި މެސެޒެއްގައި ރަނިލް ވިދާޅުވީ އަންނަ ދަނޑުވެރިކަމުގެ މޫސުމަށް ފާޓިލައިޒާސް ގެެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އޮގަސްޓް މަހާ ހަމަައަށް ފާޓިލައިޒާ ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް ސެޕްޓެމްބަރުން ފެށިގެން ލިބޭނެ،" ރަނިލް ވިދާޅުވެފައިވެ އެވެ.

ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ކެމިކަލް ފާޓިލައިޒާސް އެތެރެ ކުރުން މަނާ ކުރުމާއެކު އެ ގައުމުގެ ދަނޑުވެރިކަން ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ސަބަބުން ކާބޯތަކެތީގެ އިތުރުން ތެލާއި ގޭސް އަދި ސިއްހީ ބޭހާއި އެހެން އާލާތްތައް ލިބުމުގައި ވެސް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ބާޒާރުތަކާއި ފިހާރަތަކުގެ ބޭރުގައި އާއްމުން ކިއު ހަދާފައިވާއިރު އެތަންތަނުން ވަނީ އާއްމުންނަށް މުދާ ވިއްކުމުގައި ހިފެހެއްޓުން ތަކެއް އެކުލަވާލާފަ އެވެ.

ސްރީލަންކާއަށް ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކެއް ހުރުމާއެކު އެގައުމުގައި އާއްމު ޚިދުމަތްތަކަށް ބުރޫ އަރާފައިވާއރު ސަރުކާރުން ދަނީ މިކަން ހައްލު ކުރުމަށްޓަކައި ވޯޯލްޑް ބޭންކާއެކު މަސައްކަތް ކުރަމުންނެވެ. -- އަލް އަރަބިއްޔާ