ގއ. ވިލިނގިލީ ނެރުން ވަންނަން އުޅުނު ލޯންޗެއް އެކްސިޑެންޓްވެ، ދެ މީހަކު މަރުވި ހާދިސާގައި ތިން މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ރަށުން ބުނެފި އެވެ.

ފުލުހުން ބުނީ މިރޭ އެކްސިޑެންޓްވީ ފަސް މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަމަށެވެ. އެ ލޯންޗު ވިލިނގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރު ފައިކައްޓަށް އަރައި ލޯންޗުގައި ތިބި ދެ މީހަކު ކަނޑަށް ވެއްޓުނީ އެވެ.

ވިލިނގިލިން "ހުރިހާ"އާ ވާހަކަދެއްކި މީހަކު ބުނީ މަރުވި ދެ މީހުން ފެނުނީ ލޯންޗް ކައިރިން އަޑީގައި އޮތްވައި ކަމަށެވެ.

"ލޯންޗް އައި ސްޕީޑްގައި ގޮސް ނެރު ފައިކަށިން މައްޗަށް އަރާފައި އޮތީ. އެ ޖެހުނު ގޮތަށް ދެ މީހަކު މޫދަށް ވެއްޓި މަރުވީ،" އޭނާ ބުންޏެވެ.

https://www.facebook.com/villingilians/videos/751862365983959

އެ މީހާ ބުނީ ދެ މީހަކު ގެއްލުނު ކަން އެނގުނީ އެތައް އިރެއް ފަހުން ކަމަށެވެ.

"އެ ދެ މީހުން މަދުކަން އެނގުނީ ވެސް މާފަހުން. ދެން ގޮސް ހޯދިއިރު ލޯންޗާ ދިމާލު އަޑީގައި ދެ މީހުން މަރުވެފައި އޮތީ،" އޭނާ ބުންޏެވެ.

މި ހާދިސާގައި މަރުވީ ލޯންޗްގެ ވެރި މީހާ، ވިލިނގިލި ދޫރެސް މިސްބާހް އަބްދުލް މުހުސިން 37، އާއި ނ. ލަންދޫ، އުރަހަ މުހައްމަދު ޟާފިއު 27، އެވެ.

އެ ރަށުން ވާހަކަދެއްކި މީހާ ބުނީ ލޯންޗް ދުއްވަން ހުރި ކެޕްޓަނަކީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް އޮތް މީހެއް ނޫން ކަމަށެވެ. އަދި އެ ހާދިސާގައި ކެޕްޓަނަށް ވެސް ސީރިއަސް ޒަޚަމްތަކެއް ލިބިގެން އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އެ މީހާ ބުންޏެވެ.

"އެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ދެ މީހަކަށް އިތުރު ފަރުވާދޭން މާލެ ފޮނުވަން މިހާރު ދަނީ މަސައްކަތް ކުރަމުން. އެ ދެ މީހުންނަށް މިވަގުތު ފަރުވާ ދެމުން އަންނަނީ ވިލިނގިލީ ހޮސްޕިޓަލުގައި،" އޭނާ ބުންޏެވެ.

އެ މީހާ ބުނީ އެ ހާދިސީ ލޯންޗްގެ ކެޕްޓަނަކަށް ހުރި މީހާ ފަރުވާ ކުޑަކޮށް ދުއްވުމުގެ ސަބަބުން ކަމަށެވެ.