އިންޑިއާގެ ދެމަފިރިއަކު އެ ދެމީހުންގެ ފިރިހެން ދަރިފުުޅު ދަރިން ހޯދަން މަަސައްކަތް ނުކުރާ ކަމަށް ބުނެ މާމަ ކާފަ ދަރިން ހޯދަން ކޯޓަށް ހުށައަޅައިފި އެވެ.
އެގޮތުން ހަރިދްވާރުގެ ކޯޓަކަށް އެ ދެމަފިރިން ހުށައެޅި މައްސަލާގައި ބުނެފައިވަނީ އޭނާގެ ފިރިހެން ދަރިފުޅާއި ދަނބި ދަރިފުޅު އެއް އަހަރު ދުވަހުގެ ތެރޭގައި ދަރިއަކު ނުހޯދައިފިނަމަ 3.5 މިލިއަން ރުޕީސް އެ ދެމަފިރިންނަށް ދައްކަން ޖެހޭނެ ކަމަށެވެ.
ސަންޖީވް ޕްރަސާދް އަދި ސާދްނާ ޕްރަސާދް ބުނެފައި ވަނީ އެ ދެމީހުންގެ ފިރިހެން ދަރިފުޅުގެ ކައިވެނި ކުރުވީ ވަރަށް ފޮނި އުއްމީދު ތަކަކާއެކު ކަމަށާއި ނަމަވެސް އޭނާއާއި އޭނާގެ އަންހެނުން އެ ކަމަށް ނުވިސްނާ ކަމަށެވެ.
ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރާ އެދެމީހުންގެ ދަރިފުޅު ކައިވެނި ކޮށްފައިވަނީ މީގެ ހަ އަހަރު ކުރިންނެވެ.
"މި އުމުރަށް އަންނައިރު މާމާކާފަ ދަރިންނަކީ ކޮންމެ މީހެއްގެ ވެސް އުއްމީދެއް. އެކަމަކު އެމީހުން އެކަަމަށް އަޅައެއް ނުލާ،" ސަންޖީވް ބުންޏެވެ.
އުމުރުން ދުވަސްވެފައިވާއިރު އެ ދެމަފިރިންނަށް ލިބެންވާ ލޯތްބާއި އަޅާލުން ނުލިބޭ ކަމަށް ބުނަމުން ސަންޖީވް އިތުރަށް ބުނީ އެކަމުގެ ސަބަބުން އެދެރަފިރިން އުޅެމުން ދަނީ ވަރަށް އެކަނިވެރި އަދި ހިތްދަތި ދިރިއުޅުމެއް ކަމަށެވެ.
މި މައްސަލާއާ ގުޅިގެން ސަންޖީވްއާއި ސާދުނާގެ ދަރިފުޅުގެ ބަހެއް ލިބިފައެއް ނުވެ އެވެ.