އިންޑިއާގެ މަސްވެރިން އެހާގިނައިން ރާއްޖެ ސަރަހައްދަށް ނުވަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސަލީމް ސުވާލު ކުރެއްވީ އިންޑިއާގެ ބޯޓު ފަހަރުތަކުން ރާއްޖޭގެ އުތުރުގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން ވިދާޅުވެފައި ވާތީ އެއީ ތެދެއްތޯ ސާފުކޮށްދެއްވުމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ހުސެއިން ވިދާޅުވީ އިންޑިއާގެ ބޯޓު ގިނަވުމުގެ ޝަކުވާއެއް ކޯސްޓުގާޑުން ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ރާއްޖެއަށް ވަދެގެން މަސްވެރިކަން ކުރާކަމުގެ ޝަކުވާއެއް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އުތުރުގައި އިންޑިއާ އޮންނަނީ. އެހެންވީމާ އިންޑިއާ އިންޑިއާ ސަރަަހައްދުގައި މަސް ނަގާ ބާނަންޏާ ރާއްޖޭގެ އުތުރުން މަސްބާނާ ނަގަނީ ކަމަށް ވެދާނެ. ރާއްޖެއާ އިންޑިއާއަކީ އުތުރުގައި އެއް ބޯޑަރެެއް ހިއްސާކުރާ ބައެއް. އަޅުގަނޑުމެންނާ އިންޑިއާގެ ސަރަހައްދާ 200 މޭލެއް ނޯވޭ. އެއަށްވުރެ މާކުޑަ ސަރަަހައްދެއް 30 އެތައް މޭލެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއަށް ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރާ އެހެން ގައުމުތަކުގެ ބޯޓުތައް ވަނުމުން އެމްއެންޑީއެފްއިން އެ އުޅަނދުތައް ހިފަހައްޓައި ފުލުހުންނާ ހަވާލުކުރާ ކަމަށާއި އަަދި ވަކި ގައުމަކަށް ވީތީ އެފަދަ އުޅަނދުތަކަށް ރާއްޖޭގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.