ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން އަނެއްކާވެސް ހިމަބިހި (މީސަލްސް) ޖެހިފައިވާ 17 މީހަކު ފެނި، މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ ކުރީ ހަފުތާގައި މި ބައްޔަށް ފައްސިވެފައިވަނީ 10 މީހުންނެވެ. ނަމަވެސް، ވޭތުވެދިޔަ ހަފުތާގައި މި އަދަދު 17 އަށް އަރާފައިވާތީ، ބަލި ފެތުރޭ މިންވަރު އަނެއްކާވެސް މިވަނީ އިތުރުވާން ފަށާފަ އެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 243 އަށް އަރާފަ އެވެ.

ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 16،045 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. ހިމަބިއްސަކީ ގައިންގަޔަށް ވަރަށް ފަސޭހައިން ވާސިލުވާ ނުރައްކާތެރި ބައްޔަކަށް ވާތީ، މި ބަލިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވިފައިވޭތޯ ޔަގީންކުރުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި ޑޯޒްތައް ފުރިހަމަނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީން ބާރުއަޅަ އެވެ.

މީގެ އިތުރުން، ބަލި ޖެހިފައިވާ ފަރާތަކާ ބައްދަލުވެފައިވާކަން (ކޮންޓެކްޓްވިކަން) އެނގޭ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލް އަދި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ހަމަޖެހިފައިވާ ވަގުތުތަކުގައި ވެކްސިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި މާލެ ސަރަހައްދުގެ އެކި ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ޖެހުމުގެ ހިދުމަތް އަންނަނީ ދެމުންނެވެ.

ދާދިފަހުން ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ހިމަބިހި އެންމެ ގިނައިން ފެނުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާއިރު، މި ބައްޔަށް ފަރުވާ ހޯދަމުންދިޔަ ދިވެހި ޒުވާނަކު ދާދިފަހުން ވަނީ ނިޔާވެފަ އެވެ. ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށެވެ.