ވޮޝިންޓަން (23 މެއި) - ޔޫކްރެއިން ހަނގުރާމައަށް އެމެރިކާ ސިފައިން ފޮނުވުމަށް ކޮންމެވެސް ވަރަކަށް މަޝްވަރާކުރެވެމުން އަންނަ ކަމަށް އެ ގައުމުގެ އޮފިޝަލަކު އެއްބަސް ވެއްޖެ އެވެ.

އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް މާކް މައިލީ ވިދާޅުވީ ޔޫކްރެއިންއަށް ސިފައިން ފޮނުވުމަކީ ދުރުގައިވާ ނިންމުމެއް ކަމަށާއި އެންމެ ފަހުގެ ނިންމުން ނިންމަވާނީ ރައީސް ޖޯ ބައިޑަން ކަމަށެވެ. ނަމަވެސް މިކަން މަޝްވަރާ ކުރެވެމުންދާ ކަމަށް އޭނާ އެއްބަސްވެފައިވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މައިލީ އިތުރަށް ވިދާޅުވީ އެމެރިކާއިން ޔޫކްރެއިންއަށް ސިފައިން ފޮނުވަން ނިންމައިފި ނަމަ އެކަން ވާނީ ރިޔާސީ ނިންމުމަކަށް ކަމަށާއި އެހެން ކަމުން ކައިރި މުސްތަގްބަލެއްގައި އެކަން ވުމަކީ ނާދިރު ކަމެއް ކަމަށެވެ.

ރަޝިއާއިން މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިންއަށް އެރުމުގެ ކުރިން ޔޫކްރެއިންގައި ތިބި އެމެރިކާ ސިފައިން ފައިބަން ބައިޑަން އަމުރު ކުރެއްވި ނަމަވެސް އޭނާގެ ސަރުކާރުން ވަނީ ޔޫކްރެއިންގެ އަވަށްޓެރި ނޭޓޯގެ މެމްބަރު ގައުމުތަކަށް ސިފައިން ފޮނުވައިދީފަ އެވެ.

އެމެރިކާގެ އޮފިޝަލުން މިދިޔަ ހޯމަ ދުވަހު ވޯލް ސްޓްރީޓް ޖާނަލްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ތިން މަސް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިދިޔަ ހަފްތާގައި ހުޅުވި ކީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ހިމާޔަތް ކުރަން އެމެރިކާ ސިފައިން އެ ސަރަހައްދަށް ފޮނުވުމަށް ބައިޑަންގެ ސަރުކާރުން ވިސްނަމުން އަންނަ ކަމަށެވެ.

މިހާރު ކުރިއަށްދާ ހަނގުރާމައިގައި ޔޫކްރެއިންއިން ތަކުރާރުކޮށް އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އެހީއަށް އެދިފައިވީ ނަމަވެސް އެ ހުރިހާ ގައުމަކުން ވެސް ވަނީ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރި ވުމަށް ދެކޮޅު ހަދާފަ އެވެ. -- އަލް އަރަބިއްޔާ