މިއަހަރު ރާއްޖެއަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން އާއްމުންނަށް ހުޅުވާލާ ޖާގައަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖަށް މީހުން ގެންދިއުމަށް ހައްޖަށް ގެންދިއުމަށް ލިބިފައިވާ 453 ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު، އޭގެ ތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ. އަދި އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިޔުމަށް ހާއްސަކޮށްފައިވާ 100 ކޯޓާއަށް މިހާރު ހައްޖު ކޯޕަރޭޝަންގެ ކިޔުގައި ތިބި ފަރާތްތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ވެސް އެ ކުންފުނިން ނިންމާފައިވެ އެވެ.
ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިޔުމަށް ހާއްސަ ކޮށްފައިވާ 100 ކޯޓާގެ ތެރެއިން ހައްޖަށް ދިއުމަށް އެދި ހުށައެޅުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަޝްވަރާތައް ނިމި އުސޫލް އެކުލަވާލުމަށްފަހު އަންނަ ހަފްތާގައި ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އުސޫލްތައް އެކުލަވާލާ ނިމޭއިރު ހައްޖަށް ދިއުމަށް ދައްކަންޖެހޭ ފައިސާގެ އިތުރަށް، އިތުރު ފައިސާ ދައްކަން ޖެހިދާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ވެސް ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންގެ ތެރެއިން މިއަހަރު ހައްޖަށް ދެވޭ މީހުން އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް މީހުން ގެންގޮސްދެނީ 69،965 ރުފިޔާ އަށެވެ. ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު 3000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އެ ކޯޕަރޭޝަންގެ ކިއުއަށް އެރެނީ ހައްޖަށް ދިއުމަށް ދައްކަންޖެހޭ ފައިސާގެ 75 ޕަސެންޓް ދެއްކުމުންނެވެ.
ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދީފައިވަނީ އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށައެޅުމަށް އެކަށީގެންވާ މުއްދަތެއް ނެތުމާއެކު، މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޖުލައި މަހުގެ 8 ވަނަ ދުވަހަކީ މިއަހަރުގެ ހައްޖު ދުވަސްވުމާއެކު ހައްޖަށް މީހުން ގެންދިޔުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ހައްޖު ކޯޕަރޭޝަނުން އަންނަނީ ވަމުންނެވެ. މިގޮތުން ހައްޖުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ރާއްޖެއިން މީހުން ހައްޖަށް މީހުން ގެންދިޔުމުގެ ފުރުސަތު ލިބުނީ ކޮވިޑްއާ ގުޅިގެން ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ. މީގެ ކުރިން ސައުދީ ސަރުކާރުން ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1،000 ކޯޓާ ދޫކުރެ އެވެ. އަދި ބައެއް ފަހަރު އޭގެ އިތުރަށް ވެސް ކޯޓާ ދޫކޮށްފައިވެ އެވެ.