ރަށު ކައުންސިލަރުން ހުށަހެޅި ގޮތަށް މާލޭގެ ބާޒާރުމަތީގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
ބާޒާރުމަތީގައި ހުންނަ އަތޮޅު ފިހާރަތަކަކީ ބޮޑު ޑިމާންޑެއް އޮންނަ ރާއްޖޭގެ ނިސްބަތުން ބޮޑު ކުއްޔެއް ލިބޭ ތަންތަނެވެ. އެތަނުގައި ކޮންމެ އަތޮޅަކަށް ފިހާރައެއް ހުރެ އެވެ.
ރައީސް ސޯލިހު އެ ގޮތަށް ނިންމެވީ އއ. އުކުޅަހުގައި މިއަދު ކުރިއަށް ގެންދާ "ވިޔަވަތި" ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކާއި ޝަކުވާތަކުގެ ހައްލަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ކައުންސިލަރުންގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ރައީސް ވިދާޅުވީ ކުރިން ދެބައިކުޅަ އެއްބައި ކައުންސިލްތަކަށް ޖަމާކުރަމުން އަޔަސް ކުރިއަށް އޮތް ތަނުގައި އެ ހުރިހާ ފައިސާއެއް ކައުންސިލަށް ލިބޭނެ ކަަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި އެ ނިންމެވުމާ އެކު 2018 ގައި އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 34 މިލިއަން ރުފިޔާ ލިބޭނެ އެވެ. ކުރިން ދެމުން އައީ، ކުލީގެ ދެބައިކުޅަ އެއްބަ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2014 އިން ފެށިގެން އަތޮޅު ފިހާރަތަކުގެ ކުލި ޖަމާކޮށް ނުދޭ ކަމަށެވެ. އަދި ހުއްޓާލާފައި އޮތް އެ ނިންމުން ބަދަލުކޮށް ކުލި ދޭން ފެށީ މި ސަރުކާރުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި 2016 އާއި 2017 ގައި އަތޮޅު ފިހާރަތަކުގެ ކުލި ޖަމާކޮށްދިނުމަށް ފަހު ކޮވިޑާ އެކު އޮތީ މަޑުޖައްސާލައިފަ އެވެ.
"އެކަމަކު ރައީސްގެ އެ ނިންމެވުމާ އެކު 2018 ގައި ފިހާރަތަކުގެ 34 މިލިއަން އަންނަ ހަފުތާގައި ދޫކުރެވޭތޯ މަސައްކަތް ކުރާނަން. ކުރިން އޮތީ 17 މިލިއަން ލިބޭ ގޮތަށް، އެކަމަކު ރައީސްގެ ނިންމެވުމާ އެކު ކުލީގެ ހުރިހާ ފައިސާއެއް ޖަމާކުރާނެ،" އަމީރު ވިދާޅުވި އެވެ.
އަތޮޅު ފިހާރަތަކަށް ކުލީގެ ގޮތުގައި 2016 ގައި ސަރުކާރުން ދޫކޮށްފައި ވަނީ 17.9 މިލިއަން ރުފިޔާ އެވެ. ޖެހިގެން އައި އަހަރު 20.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.