ކޮލަމްބޯ (29 މެއި) - ބަނގުރޫޓު ވެފައިވާ ސްރީލަންކާއަށް ރަޝިއާއިން ތެޔޮ ފޮނުވުމުގެ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކޮށްފި އެވެ.
އެގޮތުން ރަޝިއާއިން ސްރީލަންކާއަށް ފޮނުވަން ހަމަޖެހިފައިވާ ފުރަތަމަ ޝިޕްމަންޓް ތައްޔާރުވެފައިވާތާ އެއްމަސް ދުވަސް ވެފައިވާއިރު ޑެލިވަރީ ލަސްވަނީ ސްރީލަންކާއަށް ތެލަށްވާ އަގު ނުދެއްކިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސްރީލަންކާގެ އެނާޖީ މިނިސްޓަރު ކަންޗަނަ ވިޖެސޭކަރަ ވިދާޅުވީ މި ތެލަކީ އެގައުމުގައި ހުރި ހަމައެކަނި ރިފައިނަރީގެ މަސައްކަތް އަލުން ފަށަން ބޭނުން ކުރާނެ ތެޔޮ ކަމުގަ އެވެ. އެގޮތުން މި ޝިޕްމަންޓްގެ އަގުގެ ގޮތުގައި 72.6 މިލިއަން އެމެރިކާ ޑޮލަރު ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިވަގުތު ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް މުއާމަލާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ސީދާ ދެގައުމުގެ ދެމެދުގައި މުއާމަލާތްތައް ފަށަން މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާދުވި އެވެ.
"ވަރަށް ގިނަ ގައުމުތަކުގެ ކިބައިން އެހީއަށް އެދިފައިވާނެ. ނަމަވެސް ޖަވާބެއް ލިބުނީ ރަޝިއާއިން އެކަނި،" ކަންޗަނަ ވިދާޅުވި އެވެ.
އޭގެ އިތުރުން ރިފައިނަރީގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު ތެޔޮ ހޯދުމަށް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެހެން އޯޑަރެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ކްރޫޑް ތެލުގެ އިތުރުން ޑީސަލްއާއި ޕެޓްރޯލް ގެނައުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ތެލަށް އޮތް ޑިމާންޑް ކުޑަވެފައިވާ މި ދަނޑިވަޅުގައި ރަޝިއާއަކީ އެންމެ އަގުހެޔޮކޮށް ސްރީލަންކާއަށް ތެޔޮ ލިބޭނެ ގައުމެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުގެ ސަބަބުން ތެލާއި ގޭސް ލިބުން ދަތިވެ އެގައުމުގެ 22 މިލިއަން މީހުންގެ އާބާދީއަށް ވަނީ ގިނަ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.