ޓެކްސަސް (30 މެއި) - މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގެ ސްކޫލެއްގައި ބަޑިން ހަމަލާދީ 21 މީހަކު މަރާލި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން އެގައުމުން ނިންމައިފި އެވެ.
މިކަން އިއުލާން ކުރަމުން އެގައުމުގެ ޖަސްޓިސް ޑިޕާޓްމަންްޓުން ބުނެފައިވަނީ ތަހުގީގުގެ މައިގަނޑު މަގްސަދަކަށް ވާނީ ހަމަލާގެ އެކި މަރުހަލާ ތަކުގައި ފުލުހުންގެ އަމަލުތައް ހުރި ގޮތް މިނިވަން ކަމާއެކު ބަލައި އިހުމާލެއް އޮތް ނަމަ އެކަމަށް ފިޔަވަޅު އެޅުން ކަމަށެވެ.
ހަމަލާ ދެމުން ދިޔަ ވަގުތު ސްކޫލުގެ ގޯތިތެރޭގައި ފުލުހުން ތިބެމެ ކްލާސްރޫމަށް ވަނުން ލަސްކުރިކަން ހާމަވި ހިސާބުން ފުލުހުންނަށް ވަނީ އާއްމުންގެ ނުރުހުމާއި ފާޑު ކިޔުން އެމާޒުވެފަ އެވެ.
މިހާތަނަށް އާއްމުވެފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ފުލުހުން ހަމަލާ ދެމުން ދިޔަ ތަނަށް ނުގޮސް 35 މިނެޓެއްހާއިރު މަޑުކޮށްފައިވެ އެވެ.
މި ވަގުތު ތަކުގައި ކްލާސް ރޫމްގެ ތެރެއިން ފުލުހުންގެ އެމަޖެންސީ ނަމްބަރު 911 އަކަށް އެތައް ފަހަރަކު ގުޅައި ވަމުން ދިޔަ ގޮތް ރިޕޯޓު ކޮށްފައިވާ ކަމަށްވެސް ސަލާމަތްވި ކުދިންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވެ އެވެ.
މި ހާދިސާގައި ފުލުހުން ފިޔަވަޅު އެޅުން ލަސްވި ކަމަށް އެ އިދާރާއިން އެއްބަސްވެފައިވާއިރު އޮފިސަރުން ފޮނުވުން ލަސްކުރި ކަމަށް ބުނެ އެ އިދާރާގެ ޗީފަކަށް ތުހުމަތު އަމާޒުވެފައިވެ އެވެ.
19 ދަރިވަރުންނާއި ދެ ޓީޗަރުން މަރުވި މި ހަމަލާ ދިން 18 އަހަރުގެ ސަލްވާޑޯ ރާމޮސް ވަނީ ފުލުހުންގެ ކުރިމަތިލުމެއްގައި މަރާލާފަ އެވެ.
މި ހާދިސާއާއެކު އެމެރިކާގައި ބަޑި ގެންގުޅުމުގެ ގާނޫނު އިސްލާހު ކުރަން ގޮވާލާ ސެނެޓަށް ހުށައެޅި ނަމަވެސް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަމްސީލުކުރާ ރިޕަބްލިކަން ޕާޓީއިން ވަނީ އެގާނޫނަށް އެއްވެސް އިސްލާހެއް ގެންނަން ދެކޮޅު ހަދާފަ އެވެ.
މަރުވި މީހުންގެ ހަނދާނުގައި ބޭއްވި މެމޯރިއަލްއެއްގައި ރައީސް ޖޯ ބައިޑަންއާއި ފަސްޓް ލޭޑީ ޖިލް ބައިޑަން ބައިވެރިވެ ވަޑައިގެންފައިވާއިރު ބައިޑަން ވަނީ މިކަމަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.-- ބީބީސީ