ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި ނެގި "އިންޑިއާ އައުޓް" ބެނާ ފުލުހުން ގެންދިއުމުގައި އަމަލުކުރި ގޮތް ގޯސް ކަމަށާއި، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ގޯސް ކަމަށް ހައިކޯޓުން އިއްޔެ ހުކުމް ކުރުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ހުކުމަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ފުލުހުން އިންޑިއާ އައުޓް ބެނާތައް ނަގަން ކްރިމިނަލް ކޯޓުގެ އަމުރަކަށް އެދުނީ ހަކަމެއް ފާހަގަ ކޮށްފައި ކަމަށެވެ. ނަމަވެސް ހައިކޯޓުން މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ އެންމެ ކަމެއް ފާހަގަ ކޮށްފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ ބެނާ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފުލުހުން ބުނި ނުކުތާ އެކަނި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ހައިކޯޓުގެ ނިންމުމަށް ބެލުމުން އަޅުގަނޑަށް އެނގޭ އެއްކަމަކީ ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް ފުލުހުން އެދިފައިވާ ސަބަބުތައް ހައިކޯޓަށް އެންމެ ރަނގަޅަށް ސާފުވެފައި ނެތްކަން. ކްރިމިނަލް ކޯޓުގައި ފުލުހުން އަމަލު ކުރަން އެދިފައި ވަނީ އެންމެ ސަބަބެއްގެ މައްޗަކަށް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް މާނަކުރާއިރު ގާނޫނު ފާސްކުރި ރައްޔިތުން މަޖިލީހުގެ ނިޔަތް ހައިކޯޓުން ގާނޫނު މާނަކުރުމުގައި ރަމްޒުވެފައި ނެތް ކަމަށެވެ.

"އެނިޔަތް އެންމެ ފުރިހަމައަށް ރަމްޒުވެފައި ނުވާނަމަ ގާނޫނުތައް އިސްލާހުކޮށް އެކަންކަން ބަދަލު ކުރުމަށް މިމަޖިލީހުން މަސައްކަތް ކުރަން ވާނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ނިޒާމީ މައްސަލައަކަށް އެދިވައިގެންނެވި އެވެ. ނަމަވެސް ފުރަތަމަ ވަނީ ޝިޔާމަށް ފުރުސަތު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.

ފަހުން ޝިޔާމަށް ފުރުސަތު ދެއްވުމުން ޝިޔާމް ވިދާޅުވީ ހައިކޯޓުގެ އަމުރަށް މަޖިލީހުގެ ރިޔާސަތުން ގޮން ޖެހުމަކީ ހިތާމަކުރާކަމެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޝިޔާމް އެހެން ވިދާޅުވުމާއިއެކު ނަޝީދު ވަނީ ޝިޔާމްގެ މައިކް ކަނޑުއްވާލައްވާފަ އެވެ. އެހެންކަމުން އިތުރަށް ވާހަކަފުޅު ދައްކަވަން ޝިޔާމަށް ފުރުސަތު ލިބިވަޑައެއް ނުގެންނެވި އެވެ.

ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރީ އިއްޔެ ހަވީރު އެވެ.