ކުދި ވިޔަފާރިތަކަށް އަމާޒްކޮށްގެން ތިލަފުށީގައި މެނިފެކްޗަރިން އޭރިއާއެއް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ޒުވާނުންނަށް ވިޔަފާރި ފެށުމާއި ވިޔަފާރިތަކުގައި ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން "އީޖާދީ މަންސަ" ގެ ނަމުގައި ކުރިއަށްގެންދާ މުބާރާތް އިފްތިތާހްކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ މުޙިންމު އެއް ތަނބަކީ ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ. އެގޮތުން އެފަދަ ވިޔަފާރިތައް ކުރިއަށްގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކާއި ގުޅިގެން ކުރިއަށްގެންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އެޗްޑީސީއާއި އެއްކޮށް މިހާރުވެސް މަޝްވަރާކުރަމުން މިދަނީ ތިލަފުށީގައި ޚާއްސަ މެނިފެކްޗަރިން އޭރިއާއެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ގާއިމުކުރުމުގެ ޕޮސިބިލިޓީސް ބަލަމުން މިދަނީ. އުއްމީދަކީ އެކަމުގައި ވެސް ވަރަށް އަވަހަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އެގޮތުން އެ މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަ ކޯޕަރޭޝަނާ ގުޅިގެން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.