ޖިންސީ ފުރައްސާކުރުމާ ގުޅިގެން މުވައްޒަފަކު މަރުވާން އުޅުނު ކަމަށް ބުނެ ދޮގު ވާހަކަދެއްކުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ގޮވާލައްވައިފި އެވެ.

އެ ކޮމިޝަނުގައި ޖިންސީ ފުރައްސާރައާ ހެދި މުވައްޒަފަކު މަރުވާން އުޅުނުކަމަށް ބުނެ މަޖިލީހު މިނިވަން މުއައްސަސާއާ ބެހޭ ކޮމިޓީގެ މެމްބަރަކު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ޝަރީފް ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ އީސީގައި ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީއެއް 2014ވަނ އަހަރުން ފެށިގެން އުފައްދާފައިވާ ކަމަށެވެ.

"ބައެއް މައްސަލަތައް ބަލާފައި އެބަހުރި. މައުލޫމާތަށްޓަކައި ދަންނަވާލީ،" އޭނާ ވިދާޅުވެފައިވެ އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތާއެކު އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު މެމްބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

"އިލެކްޝަންސް ކޮމިޝަންގެ އަގު ވައްޓާލުމަށް ސާބިތުނުހިފޭ ވާހަކަ ނުދައްކަވާ. މިހާރުއަށް މައުލޫމާތު ދެއްވި ބޭފުޅަކު ކީއްވެބާ ވިދާޅުނުވީ އިލެކްޝަންސް ކޮމިޝަންގެ ކަންކަން މިހާރު އިސްލާހް ކުރެވިފައިވާކަން ހާމަނުކުރީ. ކޮމެޓީން އަޅުގަނޑުގައި ކައިރީގައި ބުނި މިދެންނެވި ވާހަކަ." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވަނީ ސިއްރު ކޮށްގެން ބޭއްވުނު ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ދެކެވުނު ވާހަކައެއް އެއީ ހަގީގަތަކަށް ހަދައިގެން އެކޮމެޓީގެ މެންބަރަކަށް ކޮމެޓީގެ ނަމުގައި ވާހަކަ ދެއްކިދާނެތޯ ސުވާލު ވެސް ކުރައްވާފަ އެވެ. އެސުވާލު ކުރައްވާ ޝަރީފް ކުރެއްވި ޓްވީޓްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ޓެގް ވެސް ކުރައްވާފައި ވެ އެވެ.

"މިހާރު" ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮމިޝަނުގެ ބައެއް މެމްބަރުންގެ ފަރާތުން ކުރިއްސުރެ ވެސް މުވައްޒަފުންނަށް ގޯނާތައް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން، ކުރީގެ މެމްބަރެއްގެ ފަރާތުން ކުރިމަތިވި އެ ފަދަ ގޯނާތަކުގެ ސަބަބުން މުވައްޒަފަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް، އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކު މަޖިލީހުގައި ވިދާޅުވި ކަމަށް މެންބަރަކު އެނޫހަށް މައުލޫމާތު ދިން ކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ނައިބު ރައީސް އަހްމަދު އަކްރަމްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް އޭނާ ވަނީ މިދިޔަ ހަފްތާގައި ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާއަށް ވެސް 2018 ވަނަ އަހަރު މުވައްޒަފުންތަކެއް ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށްފަ އެވެ.