ރައްޓެހިވެގެން އުޅޭ ލޯބިވެރިޔާއާ ކައިވެނިކުރަން ބަންގްލަދޭޝްއަށް ނިސްބަތްވާ 22 އަހަރުގެ އަންހެނަކު ފަތާފައި ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އަރައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކްރިޝްނާ މަންޑަލް ނަމަކަށް ކިޔާ މި އަންހެން މީހާ ވަނީ އިންޑިއާއަށް އެރުމުގެ ކުރިން ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ސުންދަރުބަން ކޯރުގައި ގަޑިއިރެއް ވަންދެން ފަތާފަ އެވެ.

ކްރިޝްނާއާއި އޭނާގެ ލޯބިވެރިޔާ އަބިކް މަންޑަލް އެންމެ ފުރަތަމަ ބައްދަލުވީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ފޭސްބުކްއިން ވާހަކަ ދައްކަމުން ދެމީހުންގެ އެކުވެރިކަން ލޯތްބަށް ބަދަލުވެ ކައިވެނި ކުރަން ނިންމީ އެވެ.

ނަމަވެސް ކްރިޝްނާގެ އަތުގައި ޕާސްޕޯޓެއް ނެތުމުން އޭނާ ގަސްދުކުރީ ފަތާފައި އިންޑިއާއަށް ދާށެވެ. ކްރިޝްނާ އިންޑިއާއަށް އެރުމަށްފަހު މިދިޔަ އާދިއްތަ ދުވަހު އެދެމީހުން ވަނީ ކައިވެނި ވެސް ކޮށްފަ އެވެ.

ނަމަވެސް އޭގެ ޖެހިގެން އައި ދުވަހު އިންޑިއާގެ ފުލުހުން ވަނީ ކަރިޝްނާ ހައްޔަރު ކޮށްގެން ގެންގޮސްފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނާ ޚިލާފަށް އިންޑިއާއަށް އެތެރެ ވުމުގެ ދައުވާ އެވެ.

މިކަހަލަ ހާދިސާއެއްގައި 2021 ވަނަ އަހަރު ވެސް އިންޑިއާގެ ޒުވާނަކު ވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ އޭނާގެ ލޯބިވެރިޔާއާ ބައްދަލު ކުރަން ހަމަ މިގޮތަށް ބޯޑަރު ހުރަސްކޮށްފަ އެވެ.