ޓަލްސާ (02 ޖޫން) - އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ޓަލްސާގައި ހުންނަ ހޮސްޕިޓަލް އިމާރާތަކަށް ބަޑިން ހަމަލާދީ ހަތަރު މީހަކު މަރާލައިފި އެވެ.
ސެއިންޓް ފްރާންސިސް ހޮސްޕިޓަލުގައި އެމެރިކާ ގަޑިން އިއްޔެ ހަވީރު ދިން މި ހަމަލާއަކީ ކާކު ކޮން މަގްސަދެއްގައި ދިން ހަމަލާއެއް ކަން ނޭނގުނު ނަމަވެސް ހަމަލާ ދިން މީހާ ފުލުހުންގެ ކުރިމަތިލުމެއްގައި މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މަރުވި މީހުންގެ އިތުރުންވެސް ހަމަލާގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު އަނިޔާވި މީހުންގެ ސީދާ އަދަދު ބުނަން ނޭނގޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ހަމަލާއަކީ އެމެރިކާގެ އެކި ހިސާބުތަކުގައި ގިނަވަމުން އަންނަ ބަޑީގެ ހަމަލާތަކަށް އިތުރުވި އެންމެ ފަހުގެ ބޮޅެވެ. މީގެ 8 ދުވަސް ކުރިން ޓެކްސަސްގެ ސްކޫލަކަށް ދިން މިފަދަ ހަމަލާއެއްގައި 19 ދަރިވަރުންނާއި ދެ ޓީޗަރުން ވަނީ މަރުވެފަ އެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ހަވީރުގެ ވަގުތު އެ ހޮސްޕިޓަލުގެ ކައިރީގައި ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވި އިރު އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ބަންދުކޮށްފަ އެވެ.
ހަމަލާގެ ރިޕޯޓު ލިބުނުތާ ތިން މިނެޓު ތެރޭގައި ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ޓެކްސަސް ހަމަލާގައި ފުލުހުން ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އެ އިދާރާއަށް ވަނީ އަމާޒުވެފަ އެވެ.
އެމެރިކާގައި މިފަހަކަށް އައިސް ދެމުން އަންނަ ބަޑީގެ ހަމަލާތަކާއެކު އެގައުމުގައި ބަޑި ގެންގުޅުމުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އާއްމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އެގޮތުން ވެރިކަންކުރާ ޑިމޮކްޓެރިކް ޕާޓީގެ މެމްބަރު ބަޑި ގެންގުޅުމުގެ ގަވާއިދަށް އިސްލާހު ގެނެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ހުށައަޅާފައިވާއިރު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއިން ވަނީ މިކަމަށް ދެކޮޅު ހަދާފަ އެވެ.
މި ހާދިސާގެ ކަންކަން ރައީސް ބައިޑަަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. -- ސީއެންއެން