އަހަރުމެންގެ މިހާރުގެ ދިރިއުޅުމަށް ބަލާއިރު އޭސީކޮށްފައި ހުންނަ ތަންތަކުގައި އުޅެން ޖެހޭ ވަގުތު ވަރަށް ގިނަ އެވެ. ގެއެއް ވިޔަސް އޮފީހެއް ވިޔަސް އޭސީ ނުކޮށް ހުންނަ ތަނެއް މަދުވާނެ އެވެ. ނަމަވެސް މިފަދަ ތަންތަނުގައި މާ ގިނައިރު އުޅުމަކީ ސިއްހީ ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުން ލިބޭ ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.
ޓެމްޕޯ ޑޮޓް ކޮމް އިން ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން ގިނަ ވަގުތު އޭސީކޮށްފަ ހުންނަ ކޮޓަރިތަކުގައި އުޅުމުން އެންމެ ގިނައިން ޖެހޭނީ ފުއްޕާމޭގެ ބަލިތަކާއި ހަންގަނޑާއި ލޮލުގެ ބަލިތައް އަދި އެލާޖީގެ ކުދި ބަލިތަކެވެ. މީގެ ތެރެއިން އެންމެ އަވަހަށް މައްސަލަ ޖެހެނީ ފުއްޕާމޭގައި ކަމަށް ބުނެފައިވެ އެވެ.
އޭސީގެ ފިނިހޫނުމިން ކިތަންމެ ދަށްކޮށް ހުއްޓަސް ނޭވާލާއިރު އުނދަގޫކަމެއް އިހުސާސް ކުރެވެ އެވެ. އޭގެ ސަބަބުން ނޭވާލާ ނިޒާމުގައި މައްސަލަޖެހި ފުއްޕާމޭގެ ބަލިތައް ޖެހެން ފަށަ އެވެ.
އޭގެ އިތުރުން ގިނަ ވަގުތު އޭސީ ތެރޭގައި ހޭދަކުރުމުން ހަންގަނޑު ހިކޭ ގޮތްވެ އެވެ. ނަތީޖާއަކަށްވަނީ ހަންގަނޑުގައި ހުންނަ ގުދުރަތީ ތެތް ކަމަށާއި އޮމާންކަމާއި ރީތިކަން ގެއްލިގެން ދިއުމެވެ. އެއާއެކު ހަމުގެ އެކި ބަލިތަކަށް މަގުފަހިވުމެވެ.
އޭސީއިން ނުކުންނަ ހިރަފުހުގެ ސަބަބުން އެލާޖިކްވުމާއި އެސްތްމާ ޖެހުމަށް މަގުފަހިވެ އެވެ. އިންޓަނޭޝަނަލް ޖާނަލް އޮފް ކްލިނިކަލް އެންޑް އެކްސްޕެރިމެންޓަލް މެޑިސިން އިން ކުރި ދިރާސާއެއްގައި ހާމަކޮށްފައިވާގޮތުގައި އޭސީ ނިވާލާފައި ހުއްޓަސް އާންމުކޮށް އޭސީ ޖައްސާފައި ހުންނަ ތަނެއްގައި އާދަޔާ ހިލާފަށް ހިރަފުސް ގިނަވާނެ އެވެ.
އެއާއެކު އާންމުކޮށް އޭސީ ޖައްސައިގެން އުޅޭނަމަ ފަސޭހައިން ކުދި ކުދި ރޯގާތައް ޖެހޭ މީހުންނަށް އެފަދަ ބަލިތައް ޖެހުން މާ ކައިރިވެފަ ފަސޭހަ ވާނެ އެވެ. އޭގެ ތެރޭގައި ސައިނަސް ބަލި ހުންނަ މީހުން ހިމެނެ އެވެ.
އޭސީއިން ލޮލަށް ޖެހޭ ބަލިތަކުގެ ތެރޭގައި "ޕިންކް އައި" ވުން ހިމެނެ އެވެ. އޭގެ ސަބަބުން ލޮލުގެ ކަޅި އާއި ލޮލަށް ޖެހޭ އެހެން ބަލިތައް ޖެހުން އަވަސްވާނެ އެވެ.
މިއާއެކު މާހިރުން ލަފާ ދީފައިވަނީ އޭސީ ތަންތަނުގައި ހޭދަކުރާ ވަރަށް ވުރެ ގިނަ ވަގުތު ސާފު ވައި ލިބޭ ތަންތަނުގައި ހޭދަ ކުރުމަށެވެ.