ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރު ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޒުވާނުންނަށް ކަމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ޕީޕީއެމްއިން ބޭއްވި މަވެސް ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، ޒުވާނުންގެ ބައިވެރިވުމާއެކު ޕީޕީއެމްގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"މި ޕާޓީން މިހާރު މަސައްކަރް ފަށައިފި ޒުވާނުންގެ ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި. ޒުވާނުންގެ ފަރާތުން އަޅުގަނޑުމެން މި ތައްޔާރު ކުރަނީ ޒުވާނުންގެ މެނިފެސްޓޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މެނިފެސްޓޯ އެކުލަވާލާނީ ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށާއި ކޮންމެ ޒުވާނަކަށްވެސް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އެ ޕާޓީން ލިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ މަސައްކަތް މިހާރު މާލޭގައި ފަށައިގެން ކުރިއަށް ގެންދާއިރު ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ޕީޕީއެމްގެ ސަރުކާރެއްގެ މެނިފެސްޓޯގެ ސޮފްހާ ނަންބަރު އެކެއްގައި އޮންނާނީ ޒުވާނުން. އެހެންވީމަ ޒުވާނުންނަށް އަބަދުވެސް މި ޕާޓީން ޖާގަ އޮންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރީތި ނަމެއް ކިޔައި ކޮންމެ ބަޔަކަށްވެސް މެނިފެސްޓޯއެއް ތައްޔާރު ކުރެވިދާނެ ކަމަށާއި ނަމަވެސް އެ ލިޔާ މެނިފެސްޓޯގައި އިހްލާސްތެރިކަން އޮތީ ކިހާވަރަކަށްތޯ ބަލަންޖެހޭ ކަމަށެވެ.

"ނޫ އިގްތިސާދު ނިމިގެންދިޔައީ ކަޅު އިގްތިސާދަށް ވެގެން. މިކަހަލަ ވަރަށް ރީތި ނަންނަން އެމްޑީޕީން ކިޔާނެ އެކަމަކު މިއިން އެއްވެސް ބަޔަކު ތައްޔާރުކުރާ މެނިފެސްޓޯއަކީ އ އިން ޔ އަށް ރާއްޖޭގެ ވެއްޓަށް ފެތޭ ސަގާފަތާ ތިމާގެ ދީނާ ގުޅުންހުރި، ދީނަށް ހިމާޔަތް ދޭކަހަލަ މެނިފެސްޓޯއެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.