މޫނުގައި ބިއްސެއް ނަގާފައި ހުރުމަކީ ގިނަ ބަޔަކު ވަރަށް ކަންބޮޑުވާ ކަމެކެވެ. އެކަން ހައްލު ކުރަން އެކި ޒާތްޒާތުގެ ކަންކަން ވެސް ކޮށް އުޅެ އެވެ. ނަމަވެސް ބިހި ނެގުން މަދުކޮށް މޫނު އޮމާން ކޮށްލުމަކީ ކެއުމަށް ގެންނަ ކުޑަ ބަދަލަކުން ކުރެވިދާނެ ކަމެއްކަން އެނގޭ ހެއްޔެވެ؟
ބްރައުން ރައިސް އަކީ މޫނުން ބިހި ނެގުން ހުއްޓުވުމަކަށް ކާން ރަނގަޅު ކާނާ އެކެވެ. އޭގައި ވިޓަމިން ބީ، ޕްރޮޓީން، މެގްނީޒިއަމް އަދި ތަފާތު އެންޓިއޮކްސިޑެންޓްސް ހިމެނެ އެވެ. ވިޓަމިން ބީ އަކީ ސްޓްރެސް ދަށް ކޮށްދޭނެ މާއްދާއެކެވެ. ސްޓްރެސް މަތަވެ ދަށްވާނަމަ ހޯމޯން ލެވެލަށް އަންނަށް ބަދަލުތައް މަދުކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން މޫނުގައި ބިހި ނެގުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
ލޮނުމެދަކީ ވެސް މޫނުން ބިހި ނަގާނަމަ ރަނގަޅު ހައްލެކެވެ. ލޮނުމެދުގައި އެކުލެވޭ “އެލިސިން” ނަމަކަށްކިޔާ ކެމިކަލަކީ ނުރައްކާތެރި ކެމިކަލްތައް ނެތިކޮށްލާ ކެމިކަލެކެވެ. މޫނުގައި ބިހި ނެގުމުން އެ ބިހީގައި ނުވަތަ ނަގާފައި ހުރި ބިހިތަކުގައި ލޮނުމެދެއް ފަޅިކޮށްލުމަށްފަހު އުނގުޅާލާށެވެ. އޭރުން ނަގާފައި ހުރި ބިއްސެއް ނުވަތަ ބިހިތައް ތިރިވާނެ އެވެ.
ކަނޑުމަހުގައި އޮމެގާ ތިނެއް އަދި އޮމެގާ ހައެއްގެ ފެޓީ އެސިޑްސް އެކުލެވެ އެވެ. އެ އެސިޑްސް އަކީ މޫނުގައި ބިހިނެގުމުން ދުރުކޮށްދިނުމަށް އެހީވެދޭނެ މާއްދާ އެކެވެ. އެހެންކަމުން ގިނައިން ކަނޑުމަސް ކާނަމަ މޫނުގައި ބިހި ނެގުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
ވިޓަމިން އޭ އަދި ކެރޮޓެނޮއިޑްސް ގައި އެންޓި އިންފްލެމެންޓޮރީ ޕްރޮޕަޓީސް ހިމެނެ އެވެ. އެ މާއްދާއަކީވެސް މޫނުގައި ބިހި ނެގުން މަދުކޮށްދިނުމަށް އެހީވެދޭނެ މާއްދާ އެކެވެ. މި މާއްދާ އެކުލެވޭ ބައެއް ކާނާގެ ތެރޭގައި ކެރޮޓު، ސްޕިނެޗް، ކޭލް، ތަރުކާރީ ސޫޕް، އަނބު، ފަޅޯ، އޯޓްމީލް އަދި ޓޮމާޓޯ ޖޫސް ހިމެނެ އެވެ.
މި ތަކެތިން މޫނުގައި ނަގާ ބިހިތައް މަދުކޮށްދީ އޮމާން މޫނެއް ގެނުވައިދޭނެ އެވެ. މިކަމަށް ހައްލު ހޯދުމަށް އަގުބޮޑު ރެމެޑީތައް ހެދުމުގެ ބަދަލުގައި ކެއުމަށް ބަދަލު ގެނެސްގެން އަޖުމަ ބަލާލާށެވެ.