ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސިޓީފުޅެއް ހިފައިގެން ޚާރިޖީ ވަޒީރު އަދި އ.ދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

ޝާހިދުގެ މި ދަތުރުފުޅާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ މިއީ ސައުދީގެ ފޮރިން މިނިސްޓަރު އަމީރު ފައިސަލްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ދަތުރުފުޅުގެ ބައެއް ފޮޓޯތަކާއެކު ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއްވެސް އާއްމުކޮށްފަ އެވެ. މި ބަޔާނުގައި މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ސައުދީގެ އެހީތެރިކަން ލިބިގެން ހިންގަމުންދާ މަޝްރޫއުތަކާއި އަދި އިތުރަށް ކުރެއްވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މިިނިސްޓަރު ޝާހިދު އާއި އަމީރު ފައިސަލް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރައީސް ސޯލިހުގެ ސިޓީފުޅެއް ހިފައިގެން ވަޑައިގެންނެވި ނަމަވެސް އެ ސިޓީފުޅުގައިވަނީ ކޮން ވާހަކަތަކެއް ކަން މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.