ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަރަނި އިތުރުކޮށްލީ ސިޔާސީ ނާޗަރަންގީއަށް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ދަރަނި ބޮޑުވަމުން އަންނާތީ އެކަމަށް ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ޑރ. ޖަމީލު ވިދާޅުވީ ޑަޒަނުން ސިޔާސީ މަގާމުތަކަށް ހަރަދުކުރަން ނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވި ނަމަވެސް އެއީ ހިޔާލީ ފޮލައެއްކަން މިހާރު އެނގިފައިވާ ކަމަށެވެ.

އެގޮތުން ކުރިން 400 ސިޔާސީ މަގާމު އޮތް ނަމަވެސް މިހާރު ސިޔާސީ މަގާމުތަކުގެ އަދަދު 1300 އަރާފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލު ވިދާޅުވީ މިސަރުކާރުގެ ވެރިކަމަށް ހަތަރު އަހަރު ނުވަނީސް 37 ބިލިއަންގެ ދަރަނި އިތުރުކޮށްފައިވާ ކަމަށެވެ.

"މިއަދު 1300 އަށް ވުރެ ގިނަ ސިޔާސީ މަގާމުން އެނގެނީ 37 ބިލިއަނުގެ ދަރަނި އިތުރުކޮށްލީ ސިޔާސީ ނާޗަރަންގީއަށް ކަން. ނަތީޖާ ގައުމު އިފްލާސްވާއިރު ވެސް ސަރުކާރު ޣާފިލުވެސް ހަދާނެ ގޮތް ނޭނގިފައި،" ޑރ. ޖަމީލުގެ ޓުވީޓްގައިވެ އެވެ.

ދައުލަތުގެ ދަރަނި 99 ބިލިއަން ފަހަނައަޅާ ގޮސް އެކަމުގެ ކަންބޮޑުވުން އޮތްއިރު މިއަހަރާ އަދި ކުރިއަށް އޮތް ދެ އަހަރު ވެސް ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް ހުސްވެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ރާއްޖެއަށް އެބައޮތް ކަމަށް ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ޖޭޕީ މޯގަން ޗޭސްއިން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 އިންސައްތަ އެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖޭގެ ދަރަނި 9.6 ޕަސެންޓް މަތިވާނެ ކަމަށް އެމްއެމްއޭއިން މީގެ ކުރިންވެސް އޮތީ ލަފާކޮށްފަ އެވެ.