އިންޑިއާގައި ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާން ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެމްޑީޕީގެ މެންބަރުން ބޭރުކޮށްލައިފި އެވެ.
މި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި 43 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު 33 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބަލައިނުގަތުމަށެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މަޖިލީހުގެ 65 ގޮނޑިއާއެކު ބޮޑު އަޣުލަބިއްޔަތު އޮންނަ އެމްޑީޕީންވަނީ އެ މައްސަލަ ބަލައިނުގަތުމަށް ވޯޓު ދީފަ އެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ.
އެ މައްސަލާގައި އާދަމް ޝަރީފު ވިދާޅުވީ އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބީޖޭޕީގެ ތަރުޖަމާން އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމައަށާއި ކީރިތި ގުރުއާނަށް ފުރައްސާރަކުރި މައްސަލަ އިންޑިއާގެ މުސްލިމުންނާ އިސްލާމީ ގައުމުތަކުގެ އާންމުންނާއި އެ ގައުމުތަކުގެ ވެރިން ކުށްވެރިކޮށް އިހުތިޖާޖުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެކި ގައުމުތަކުގައި ތިއްބެވި އިންޑިއާގެ ސަފީރުން އެ ގައުމުތަކުގެ ހާރިޖީވުޒާރާތަކަށް ހާޒިރުކޮށް އެ ގައުމުތަކުގެ ސަރުކާރުތަކުން މި މައްސަލަ ކުށްވެރިކޮށް ބައެއް ގައުމުތަކުން އިންޑިއާއާމެދު ފިޔަވަޅުއަޅަން ސޯޝަލް މީޑިއާގައި ގޮވައިލަމުން އަންނަކަން އާދަމް ޝަރީފު ފާހަގަކުރެއްވި އެވެ. އަދި އިސްލާމްދީން ހިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި، ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމައަށާއި ގުރުއާނަށް ތައުހީނުކުރުމަކީ ހުރިހާ މުސްލިމުން ކަންބޮޑުވާ ކަމެއް ކަމަށާއި، އަދި ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން އެކަމަކީ ދިވެހި މުސްލިމު ރައްޔިތުންވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން މި ހައްސާސް މައްސަލާގައި އެއްވެސް ފިޔަވަޅުއަޅާފައިނުވާތީ އެކަން ކުށްވެރިކުރުމަށް ގޮވައިލާ ސަރުކާރުން އެ މައްސަލާގައި ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރަށް ގޮވައިލައްވާ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.