އެމެރިކާގައި ކޮވިޑް ވެކްސިން އަންނަ މަހުގެ ކުރީކޮޅު ދޭން ފަށަން ނިންމައިފި އެވެ.

އެމެރިކާގައި މި ވެކްސިން ދިނުން ވެގެންދާނީ މި ބައްޔާ ދެކޮޅަށް ކުރާ އެންމެ ބޮޑު މަސައްކަތުގެ ފެށުން ކަމަށެވެ. 255،000 އަށް ވުރެ ގިނަ މީހުން މި ބަލީގައި އެ ގައުމުން ވަނީ މަރުވެފަ އެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި ވެކްސިން ޖަހަން ކަނޑައަޅާފައިވާ ތަންތަނަށް ފޮނުވުމުގެ މަސައްކަތް ފެށޭނެ ކަމަށް،" އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ފަރާތުން ވާހަކަދެއްކި މޮންސެފް ސްލޮއި ސީއެންއެން އަށް ވިދާޅުވި އެވެ.

އެމެރިކާގެ ފައިޒާ އާއި މޮޑާނާއިން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން އިމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން އެފްޑީއޭގެ ވެކްސިން އެޑްވައިޒަރުން އަންނަ މަހުގެ ދިހަވަނަ ދުވަހު ބައްދަލުކުރަން ހަމަޖެހިފައިވެ އެވެ. އަދި ވެކްސިނަށް ހުއްދަ ދޭތާ ދެ ދުވަސްތެރޭ، ޑިސެމްބަރު 11 ނުވަތަ 12 ގައި ވެކްސިން ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދެ ވެކްސިންގެ ޓެސްޓްތަކުން 95 ޕަސެންޓް ކާމިޔާބުކަން ދައްކާފައިވެ އެވެ.

ސްލޮއި ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އެމެރިކާގެ 20 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދެވޭނެ އެވެ. އަދި އޭގެ ފަހުން ކޮންމެ މަހަކު 30 މިލިއަން މީހުންނަށް އެ ވެކްސިން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްލޮއި ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެމެރިކާގެ އާބާދީގެ 70 ޕަސެންޓަށް އެ ވެކްސިން ދެވޭނެ އެވެ. ވެކްސިނަށް ހުއްދަ ދޭތާ ދެ ދުވަސްތެރޭ، ޑިސެމްބަރު 11 ނުވަތަ 12 ގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.