ކޮލަމްބޯ (09 ޖޫން) - އިގްތިސާދީ އަޑިގަނޑަކަށް ވެއްޓިފައިވާ ސްރީލަންކާ މިހާރު އޮތް ހާލަތުން އަރައިގަނެ އިގްތިސާދު ކޮޅަށް ޖެހުމަށް ވާންޖެހޭ އެހީތައް ވުމަށް ޗައިނާއިން ތައްޔާރު ކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާއިން މިހެން ބުނެފައި މިވަނީ ޗައިނާގެ ކިބައިން އިތުރު ލޯނަކަށް އެދިފައިވާނެ ކަމަށާއި ނަމަވެސް އެގައުމުން އެކަމަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ބުނެފައި ވަނިކޮށެވެ.

"ޗައިނާއިން ވަނީ ދެކުނު އޭޝިއާ ދޫކޮށް އިރުމަތީ އޭޝިއާގެ ގައުމުތަކަށް އެހީވުމަކީ އެގައުމުގެ މަގްސަދު ކަމުގައި ހަދާފައި." ގޮޓަބަޔަ ވިދާޅުވެފައިވެ އެވެ.

ގޮޓަބަޔަގެ މި ވާހަކަފުޅަށް ރައްދު ދެމުން ޗައިނާގެ ފޮރިން އެފެއާޒްގެ ތަރުޖަމާނު ޒާއޯ ލިޖިއަން ވިދާޅުވީ އެކުވެރި އަވަށްޓެރި ގައުމެއްގެ ގޮތުން ސްރީލަންކާގެ ހާލަތުން އަރައިގަންނަން ޗައިނާއަށް ވެވެން އޮތް އެހީއެއް ވާން އެގައުމުން ތައްޔާރު ކަމަށެވެ.

"ޗައިނާއިން ވަނީ 500 މިލިއަން ޔުއާން އަށްވާ އިންސާނީ އެހީ ސްރީލަންކާއަށް ފޯރުކޮށްދީފައި. އެ އެހީގެ އެއްބައި މިހާރު ވަނީ ސްރީލަންކާއަށް ފޮނުވާފައި" ލިޖިއަން ވިދާޅުވި އެވެ.

ސްރީލަންކާއިން ބޭރުގެ ގައުމު ތަކަށް ދަރާފައިވާ ދަރަނީގެ ސަބަބުން އެ ގައުމު ބަނގުރޫޓު ވެފައިވާއިރު އެ ދަރަނީގެ ބޮޑު ބައެއް ދައްކަން ޖެހެނީ ޗައިނާ އަށެވެ. -- ނިއުސްވަޔާ