ބާލިން (10 ޖޫން) - އީރާނުން އެގައުމުގެ ނިއުކްލިއާ ހަތިޔާރުތައް ވަރުގަދަކުރަން މަސައްކަތްކުރާ ކަމަށް ޝައްކުކުރެވޭ ކަމަށް ޖަރުމަނުގެ އިންޓެލިޖެންސް ރިޕޯޓަކުން ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު ނެރުނު އެ ރިޕޯޓުގައި ބުނެފައިވަނީ މުޅި މެދު އިރުމަތީގެ ވެސް އެންމެ ބޮޑު މިސައިލް ޕްރޮޭގްރާމަށް އީރާނުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

368 ސަފްޙާގެ އެ ރިޕޯޓުގައި އީރާނުގެ ނިއުކްލިއާ ހަރަކާތްތަކުގެ ތާރީހަށް އަލި އަޅުވާލާފައިވެ އެވެ. މިހާރު އެގައުމުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އަސްލު ސީދާ ފާހަގަކޮށްފައި ނުވި ނަމަވެސް 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމާ އީރާނުން ޚިލާފުވާ މޭރުމަކުން މުޅި ރިޕޯޓުގައި އީރާނުގެ ނަން 59 ފަހަރު ގެނެސްފައިވެ އެވެ.

"2015 ވަނަ އަހަރު ވެވުނު ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަންއާ ޚިލާފު ހަރަކާތްތަކެއް އީރާނުން ކުރިއަށް ގެންދާ ކަމަށް ޝައްކު ކުރެވޭ،" ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ވެސް ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންނަށް އީރާނުން ރޮކެޓް އަދި ޑްރޯން ޓެކްނޮލޮޖީ ފޯރުކޮށްދޭ ކަމަށް ވެސް މި ރިޕޯޓުގައި ތުހުމަތު ކޮށްފައިވެ އެވެ.

"އީރާނުން ފޮނުވާ ހަތިޔާރު ބޭނުން ކޮށްގެން ހޫތީން ދަނީ ޔޫއޭއީއާއި އެގައުމަށް ވާގިވެރިވާ ގައުމުތަކަށް ހަމަލާ ދެމުން،" ރިޕޯޓުގައި ބުނެފައިވެ އެެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު ވަރުގަދަކުރުން އެގޮތުގައި ކުރިއަށް ގެންދާނަމަ އެއީ ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި އެ ރިޕޯޓު ބުނެ އެވެ. -- އަލް އަރަބިއްޔާ