އީދު ދުވަހު މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި އެވެ.

ފިތުރު އީދު ދުވަހު ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން ޖަނަވަރީ މަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ. އޭގެ ތެރެއިން ފުލުހުން ރޭ ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، ކޮރަލް، އަހުމަދު ސާތިއު 21، އެވެ.

މިމައްސަލައާ ގުޅިގެން މިހާރު ހޯދަމުންދާ ތިން މީހުންނަކީ:

  1. މައުސޫމް މުހައްމަދު ދީދީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 2260، 27
  2. އަހުމަދު ރަބީއު، ގއ. މާމެންދޫ، ގްލޭނޫރަންމާގެ، 24
  3. މުނާދު ޖައުފަރު ސ. ހުޅުދޫ، ނާދީ، 20

ފުލުހުން ވަނީ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް އެދިފަ އެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ތ. ތިމަރަފުށި، ސީނުގެ، އަހުމަދު ޝިމްހާޒު 22 އާއި ކ. މާލެ، މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފް 18 އާއި ގދ. ވާދޫ، އުނިމާގެ، ހަސަން ޒިޔާން އިބްރާހިމް 18، އަދި ގއ. ގެމަނަފުށި، ކެނެރީގެ، އަހުމަދު ނާޒިހު 27 ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.

އެ މީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުން ވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތަރު ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.