ބެއިޖިންގް (11 ޖޫން) - ޓައިވާން މައްސަލާގައި އެގައުމާއެކު ހަނގުރާމައެއް ފަށަން ޖެހުނަސް ޗައިނާއިން އެކަމަށް ފަސް ނުޖެހޭނެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރު ވޫ ކުއާން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ އިއްޔެ ޓައިވާންގެ ޑިފެންސް މިނިސްޓަރާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ.

"ޓައިވާނުގައި ވަކި ދައުލަތެއް އިއުލާންކޮށް މިނިވަންކަން ހޯދަން އުޅެފިނަމަ ޗައިނާގެ އަސްކަރިއްޔާއިން ހަނގުރާމައެއް ފަށަން ކުޑަކޮށް ވެސް ފަހެއް ނުޖެހޭނެ،" ވޫ ވިދާޅުވި އެވެ.

އެއާއެކު ވޫ ވަނީ ޓައިވާނުން މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތުގައި އެހެން އެއްވެސް ގައުމަކުން އެހީވެއްޖެ ނަމަ އެއީ ވެސް ހަނގުރާމައިގެ ދުޝްމަނަކަށް ވާނެ ކަމަށް އިންޒާރު ދީފަ އެވެ.

ވޫ މިހެން ވިދާޅުވެފައި މިވަނީ ޓައިވާން ސަރަހައްދުގައި އޮތް ފަރުމަތީ ރަށެއްގެ މައްސަލައިގައި ޗައިނާއާއި ޖަޕާނާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

"ޓައިވާނަކީ ޗައިނާގެ ބައެއް. ޗައިނާއާއި ޓައިވާން ވަކިކުރަން ކުރާ މަސައްކަތްތައް ކާމިޔާބެއް ނުވާނެ،" ވޫ އިތުރަށް ވިދާޅުވެފައިވެ އެވެ.

ޑިމޮކްރަސީ ދައުލަތެއް ހިނގަމުން އަންނަ ޓައިވާނަކީ ތަކުރާރުކޮށް ޗައިނާގެ އިންޒާރުތައް ލިބެމުން އަންނަ ގައުމެކެވެ. ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ އެގައުމުގެ މިލްކިއްޔާތަކަށް ވާއިރު ބާރުގެ ބޭނުންކޮށްގެން ވިޔަސް އެކަން އެގޮތުގައި ބާއްވަން ޖެހޭނެ އެވެ. -- އަލް އަރަބިއްޔާ