ނިދުމުގައި އަންހެން ފިރިހެން ދެ ޖިންސުގައި ތަފާތެއް އުޅޭ ކަމަށް ބުނުމަކީ ގަބޫލު ނުކުރެވޭ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން މިވަނީ ނިދި ބޭނުންވާ މިންވަރު ދެ ޖިންސަށް ތަފާތުކަން ހާމަވެފަ އެވެ. އެގޮތުން ފިރިހެނުންނަށް ނިދި ބޭނުންވާ ވަަރަށް ވުރެ ދެގުނަ އަންހެނުންނަށް ނިދި ބޭނުންވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

މިކަމުގެ ސަބަބެއްގެ ގޮތުގައި ދިރާސާ ކުރިޔަށްގެންދިޔަ ޓީމުން ބުނެފައި ވަނީ ނިދި އަދި އަރާމު ނުލިބުމުން، އަންހެނުންގެ ސިކުނޑިއާއި ހަށިގަނޑުގެ ހަރަކާތްތަކަށް، ނިސްބަތުން ބަލާއިރު ފިރިހެނުންނަށްވުރެ ބޮޑަށް ހުރަސް އެޅުމެވެ.

އަދި އަންހެނުންގެ ސިކުނޑީގެ ހަރަކާތްތައް ފިރިހެނުންނަށް ވުރެ އިތުރު ވާއިރު، އެކަމަށް ބޭނުންވާ ހަކަތަ ލިބުމުގައި ނިންޖަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމެއް ކަމަށް އެފަރާތްތަކުން ބުނެ އެވެ.

އެހެންކަމުން ބޭނުންވާ ވަރަށް ނިދި ނުލިބިއްޖެނަމަ ސިކުނޑިގެ ހަރަކާތްތަކަށް ބޭނުންވާ ހަކަތަ މަދުވެ ހިތުގެ ބަލިތައް ޖެހި، ޑިޕްރެޝަންއަށް ދިއުމުގެ ފުރުސަތު އަންހެނުންނަށް އޮންނަ މިންވަރު ބޮޑުވާނެ އެވެ.

"މި ދިރާސާއިން ފާހަގަވި އެއް ކަމަކީ، ރުޅި އަދި ޑިޕްރެޝަންއަށް ދާ މިންވަރު، ރަނގަޅަށް ނިދި ނުލިބި ހެނދުނު ހޭލާ އަންހެނުންގެ އިތުރުކަން" ދިރާސާގައި ބައިވެރިވި ޑޮކްޓަރަކު ބުނެފައިވެ އެވެ.

އޮފީހާއި ގޭތެރެ ބަލަހައްޓަމުން ހަމަ ނިދި ލިބުމަކީ އަންހެނުންނަށް ދަތި ކަމެކެވެ. އެހެން ނަމަވެސް ދުޅަހެޔޮ ސިއްހަތަކަށް ޓަަކައި ހަމަނިދި ހޯދުމަށް ސަމާލުވާން ޖެހެ އެވެ.