މޮސްކޯ (13 ޖޫން) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާއާއި އީޔޫއިން ޔޫކްރެއިންއަށް ފޯރުކޮށްދިން އެންޓި ޓޭންކް އަދި އެންޓި އެއާކްރާފްޓް މިސައިލް ސިސްޓަމްތަކެއް ރައްކާކޮށްފައިހުރި ގުދަނެއް ނައްތާލާފައިވާ ކަމަށް ރަޝިއާއިން ބުނެފި އެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު މޭޖާ ޖެނެރަލް އިގޯރް ކޮނަޝެންކޮވްއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނީ ޔޫކްރެއިންގެ ޓާނޮޕިލް އަވަށުގައި ހުރި އެ ގުދަން ނައްތާލަން އަސްކަރިއްޔާއިން ބޭނުން ކުރީ ކެލިބްރް ކްރޫޒް މިސައިލް ކަމަށެވެ.
"ކެލިބްރްގެ ދުރު ރާސްތާ މިސައިލަކުން ޔޫކްރެއިންގެ ހަތިޔާރުތައް ރައްކާ ކޮށްފައިހުރި ގުދަނެއް ވަނީ ނައްތާލެވިފައި،" އިގޯރް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ހާއްސަ އަސްކަރީ އޮޕަރޭޝްނެއްގެ ނަމުގައި ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށި ފަހުން އެމެރިކާއާއި އީޔޫގެ ގައުމުތަކުން ވަނީ ޔޫކްރެއިންއަށް ބޮޑެތި އަސްކަރީ އެހީތަކެއްވެފަ އެވެ.
މިދިޔަ ހަފްތާ ތެރޭގައި ރަޝިއާގެ ރައީސް ވްލަމިޑިރް ޕުޓިން ވަނީ އެމެރިކާއާއި އީޔޫއިން ޔޫކްރެއިންއަށް ދުރު ރާސްތާ މިސައިލް ސިސްޓަމްތައް ފޮނުވައިފި ނަމަ "އާ އަމާޒުތަކަކަށް" ރަޝިއާއިން ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.
އެމެރިކާއިން ޔޫކްރެއިންއަށް ދުރު ރާސްތާ މިސައިލް ފޮނުވަން ހަމަޖެހިފައިވަނީ ރަޝިއާގެ އެއްވެސް ސަރަހައްދަކަށް ހަމަލާ ނުދޭނެ ކަމަށް ޝަރުތު ކޮށްފަ އެވެ. -- އަލް އަރަބިއްޔާ