އިންޑިއާގެ އަންހެނަކު ވިހޭތާ ތިން އަހަރު ފަހުން ފުރަތަމަ ފަހަރަށް އޭނާގެ ދަރިފުޅާ ބައްދަލު ވެއްޖެ އެވެ.
އައްސާމްގައި ހުންނަ ހޮސްޕިޓަލެއްގައި ނަޒްމާ ނަމަކަށް ކިޔާއެ އަންހެން މީހާ ވިހެއީ މީގެ ތިން އަހަރު ކުރިންނެވެ. އުފަން ވުމަށްފަހު ދަރިފުޅާއި މަންމަގެ ހާލު ރަނގަޅު ނަމަވެސް އެދެމައިން ބައްދަލު ނުވެ ގިނަ ދުވަސްވީ ހޮސްޕިޓަލުގެ އިހުމާލުންނެވެ.
ސަރުކާރުން ހިންގާ އެ ހޮސްޕިޓަލުން ވަނީ ނަޒްމާގެ ދަރިފުޅު ހަމަ އެދުވަހު އެ ހޮސްޕިޓަލުގައި އުފަންވި އެހެން ކުއްޖަކާ އޮޅުވާލާފަ އެވެ. އަދި ނަޒްމާ ވިހެއި ދަރިފުޅު އުފަންވީއިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން އެއާއިލާއަށް އެންގި އެވެ.
ނަމަވެސް ނަޒްމާ ވިހެއީ ސިއްހަތު ރަނގަޅު ކުއްޖެއް ކަމަށް އެ އާއިލާއިން ދިޔައީ ބުނަމުންނެވެ. އަދި ނަޒްމާ ގެއަށް ފޮނުވާލިތާ ތިން ދުވަސް ފަހުން ނަޒްމާއާ އެއްދުވަހެއްގައި އެ ހޮސްޕިޓަލުގައި ވިހެއި އަންހެނުންގެ ނަންތައް ބެލުމުން ނަޒްމާގެ ނަމާ ވަރަށް އެއް ވައްތަރު ނަމެއް ކިޔާ އަންހެނެއް ހިމެނުނު ކަން އެނގިގެން ދިޔަ އެވެ.
އެހެން ކަމުން ނަޒްމާގެ އާއިލާއިން އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަައަޅައި އިތުރަށް ތަހުގީގު ކުރުމަށް އެދުނެވެ. ޑީއެންއޭ ރިޕޯޓާއި އެހެން ހެކިތަކުގެ އަލީގައި ހޮސްޕިޓަލުގެ އިހުމާލު ސާބިތުވެ ކޯޓު އަމުރެއްގެ ދަށުން ނަޒްމާއަށް އޭނާގެ ދަރިފުޅާ ބައްދަލު ކުރެވުނެވެ. އަދި އެ ދަރިފުޅުގެ ބެލެނިވެރިކަން ވެސް ލިބުނެވެ.
މައްސަލައިގެ ތަހުގީގުގައި ފުލުހުން ބުނެފައިވަނީ ނަޒްމާއާއި އެ ހޮސްޕިޓަލުގައި ވިހޭ އެހެން އަންހެނެއްގެ ނަން އެއްގޮތް ވުމުން އޮޅުނީ ކަމަށެވެ.