ކޮވިޑް-19 އަށް ހާއްސަކޮށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށްވީ ގޮތް ވެކްސިން އަށް ވިޔަދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، މަޖިލިހުގެ ގައްދޫ ދާއިރާ މެންބަރު އަހުމަދު ޒާހިރު ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ލިޔުމުން ކުރެއްވި ސުވާލާއި މިނިސްޓަރު އެ ސުވާލަށް ދެއްވި ޖަވާބު މަޖިލިހަށް އިއްވެވުމުގެ ކުރިންނެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިހަށް ވަޑައިގެން ޒާހިރުގެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވާނަމަ، ވެކްސިނާ ގުޅޭ ގޮތުން ސުވާލު ކުރެވުނީސް ކަމުގައެވެ.

"މިއަދު މިނިސްޓަރު ވަޑައިގެންނެވި ނަމަ، އަޅުގަނޑުމެންނަށް އިތުރު ސުވާލުގެ ތެރޭގައި ވެކްސިންގެ ވާހަކަ އަހާލެވުނީސް. ވެކްސިންގެ ކަންތައް ވެންޓިލޭޓަރަށް ވީގޮތް ވިޔަ ނުދިއުމަކީ މިހާރުއްސުރެ އަޅުގަނޑުމެން ސަމާލުވެ ތިބެން ޖެހޭ ކަމެއް. އަދި އަދަށް ދާންދެން ވެސް ރާއްޖޭގައި ވެންޓިލޭޓަރު މި ކަމާ ގުޅިގެން އޮތީކީ ނޫން. އެގޮތަށް ވެކްސިން އަށް ކަންތައްތައް ދިމާވެއްޖެ ނަމަ އެއީ ވަރަށް ހައްސާސް މައްސަލައަކަށް ވެގެންދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ވެކްސިންގެ ކަންތައް ވެންޓިލޭޓަރަށްވީ ގޮތަށްވެ ނުދިއުމަކީ މިހާރުއްސުރެ އަޅުގަނޑުމެން ސަމާލުވާންޖެހޭ ކަމެއް."

ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ އަދި އަދަށްވެސް ކޮވިޑް-19އާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކެއް ނުގެނެވޭ ކަމަށެވެ. އަދި ވެކްސިން ގެނައުމުގައި އެގޮތަށް ކަން ހިނގައިފިނަމަ، އެއީ ވަރަށް ޙައްސާސް މައްސަލައަކަށްވާނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޕީއެސްއެމްގެ "ދައުލަތުގެ ބަޖެޓް 2021" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަސީމް ވަނީ ރާއްޖެއަށް ވެކްސިން ހޯދުމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.