މި މުޖުތަމައުގައި ވެސް ބުލީކުރުމުގެ ޝިކާރައަކަށްވާ ކުދިން ދަނީ ގިނަ ވަމުންނެވެ. ސުކޫލް ދައުރުގައި ބުލީކުރުމާއި މަލާމާތްކޮށް ޖެއްސުންކުރާ ކުދިންނާ ދިމާވެ އެވެ.

ކޮންމެ ކުއްޖަކީ ސުކޫލުގައި ދިމާވާ ކަންކަން ބެލެނިވެރިންނަށް ކިޔައިދޭން ކެރޭ ކުދިންނެއް ނޫނެވެ. ނަމަވެސް އެކުދިންގެ މިޒާޖަށް އަންނަ ތަފާތު ބަދަލު ތަކަކުން އެކުދިންނަށް ގަނާ ކުރެވޭކަން ނުވަތަ ކަމަކާ ވިސްނާކަން ދެނެގަނެވޭނެ އެވެ.

އެގޮތުން ފާހަގަވާނެ އެއް ކަމަކީ ކުރިން ސުކޫލަށް ދާ ހިތުން އުޅޭ ކުއްޖެއް ކުއްލިއަކަށް ސުކޫލަށްދާ ހިތް ނުވުމެވެ. ހެނދުނު ހޭލާފައި އެކި ބަހަނާތައް ދައްކައި ސުކޫލަށް ނުދާން އެފަދަ ކުދިން ގަދަ ހަދަ އެވެ.

ގިނަ ފަހަރަށް މިގޮތަށް ކުދިން އުޅެން ފެށުމުން ބެލެނިވެރިންނަށް އެކަމާ ރުޅިއައިސް އެއްޗެހި ކިޔޭ ގޮތްވެ އެވެ. އޭގެ ބަދަލުގައި ކުއްޖާއާއި މަޑުމައިތިރިކަމާއެކު ރީތިކޮށް ވާހަކަ ދައްކާ ކަންތައް އޮޅުން ފިލުވުނަ މުހިއްމެވެ.

އޭގެ އިތުރުން ދަރިފުޅު ކުއްލިއަކަށް ކިޔެވުމަށް ދަށްވާން ފެށުމަކީ، ބުލީގެ ޝިކާރައަކަށްވުން ނުވަތަ ކަމަކާ ވިސްނާކަމުގެ ނިޝާނެކެވެ.

އެގޮތުން ގޭގައި އާންމުކޮށް ފޮތް ކިޔާ އުޅޭ ކުއްޖެއް ވެސް ސުކޫލުގައި ދިމާވާ ކަމެއްގެ ސަބަބުން ސުކޫލުގެ މާހައުލުގައި ފިލާވަޅަށް ސަމާލުކަން ނުދެވި ދަށްވާން ފަށަ އެވެ. މިފަދަ ކަންކަން ޓީޗަރު ކައިރިން އަހާ އޮޅުން ފިލުވުމަކީ ކުރަންވާނެ ކަމެކެވެ.

މިކަންކަމުގެ އިތުރުން ކުރިން ކުޅިވަރު ކުޅުމަށް ފޯރި ހުންނަ ކުއްޖަކު، ކުޅިވަރާއި ދުރުވެ އަބަދު ގޭގައި އޮތުމަކީ ވެސް ބައެއް ފަހަރު ކުއްޖާއަށް ގަނާ ކުރެވޭ ކަމުގެ ނިޝާނެކެވެ.

މި ސިފަތައް ދަރިފުޅުގެ ފަރާތުން ފާހަގަ ވާނަމަ، އެކުދިންނާއި ވާހަކަ ދައްކާށެވެ. އަދި އެކަމުގެ ހަގީގަތް ބަލާ ޓީޗަރުންނާ އެކަންކަން ހިއްސާކުރާށެވެ. ކުޑައިރުން ފެށިގެން ކުއްޖާގެ ވާހަކަ އަޑު އަހާ ކަންކަން ހިއްސާ ކުރަން ހިތްވަރު ދޭށެވެ. އޭރުން ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށްވެސް، ބެލެނިވެރިންނަށް ކަންކަން ހިއްސާކުރާނެ އެވެ.