ޣައްޒާ (18 ޖޫން) - އިޒްރޭލުން ހަމާސް ޖަމާއަތުގެ ސައިޓުތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާނެ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އިޒްރޭލުން ބުނީ އެ ހަމަލާތައް ދީފައިވަނީ ފަލަސްތީނުގެ ސަރަހައްދަކުން އިޒްރޭލަށް ފޮނުވި ރޮކެޓް ހަމަލާއެއްގެ ރައްދެއްގެ ގޮތުގައި ކަމަށެވެ.

"ރޮކެޓް ހަމަލާއެއްގެ ރައްދުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ވާނީ ފަލަަސްތީނުގެ ޓެރަރިސްޓް އަމަލުތައް ހިންގާ ގިނަ ސައިޓުތަކަށް ހަމަލާ ދީފައި،" އިޒްރޭލް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަމަލާ ފޮނުވަން ޖެހުނީ އިޒްރޭލުގެ އާއަމުންނަށް އަމާޒުކޮށް ފަލަސްތީނުން ރޮކެޓް ހަމަލާއެއް ފޮނުވުމުން ކަމަށެވެ. އެ ރޮކެޓް ހަމަލާ އިޒްރޭލުގެ އެއާ ޑިފެންސް ސިސްޓަމްއިން ހުއްޓުވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ހަމަލާތަކުގައި ހަމާސް ޖަމާއަތުން ހަތިޔާރު ހަދަން ބޭނުންކުރާ ސައިޓެއްގެ އިތުރުން އެހެން ދެ ސައިޓަކަށް ވެސް ވަނީ ގިނަ ގެއްލުން ތަކެއް ލިބިފަ އެވެ.

މިދިޔަ އޭޕްރީލް މަހުވެސް އިޒްރޭލުގެ އަސްކަރީ މަތިންދާ ބޯޓުތަކަކުން ވަނީ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލާފަ އެވެ. -- އަލް އަރަބިއްޔާ