ބަރުދަން ލުއިކުރުމުގެ ނަމުގައި ބައެއް މީހުން ހައިބަނޑާހުރެ ދުވަސް ނިންމާލަ އެވެ. އަވަހަށް ނަތީޖާ ނުކުންނާނެ ކަމަށް ފެން ނޫނީ އެހެން އެއްޗެއް ނުބޯ މީހުންވެސް އުޅެ އެވެ. އެއަށް ކިޔަނީ "ކްރޭޝް ޑައިޓް" އެވެ. އެ މީހުން އެގޮތަށް ކަންކުރަނީ އެކަމުން ލިބޭ ގެއްލުން ނޭނގި ތިބެ އެވެ.

މި ގޮތަށް ކުއްލިއަކަށް ބަރުދަން ލުއިކުރަން މަސައްކަތް ކުރުމަކީ އެއްވަރެއްގައި ބަރުދަން ހިފަހައްޓައިދޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް ލެވެލް ދަށްވެ، ކުއްލިއަކަށް ފަލަވެ ބަރުދަން އިތުރުވާނެ ކަމެއް ވެސްމެ އެވެ.

އެއާ ޚިލާފަށް ރަނގަޅު ޑައިޓެއް ކޮށްގެން، ކަސްރަތާއެކު ހަށިގަނޑުގެ ބަރުދަން ލުއިކުރުމަކީ އެއްވަރެއްގައި ހިފަހަައްޓައިލެވޭނެ ކަމެކެވެ. އެގޮތުން ކެއުމަށް ގެންނަ ބަދަލަށް ހޭނި، ހަށިގަނޑަށް ފައިދާހުރި ލައިފްސްޓައިލް އަކަށް ހަށިގަނޑު ހޭނިގެންދާނެ އެވެ.

ކުއްލިއަކަށް ބަރުދަން ލުއިކުރަން މަސައްކަތްކުރުމަކީ ގިނަ ސިއްހީ މައްސަލަތައް ވެސް ކުރިމަތިވާނެ ކަމެކެވެ. އެގޮތުން ކެއުމަށް ގެންނަ ކުއްލި ބަދަލާއެކު ހަށިގަނޑަށް އެތެރެވާ ވިޓަމިންސް، މިނަރަލްސް އަދި އެހެނިހެން ނިއުޓްރިޝަންސްގެ މިންވަރު މަދުވެ ހަށިގަނޑުން ހަކަތަ މަދުވެ ވަރުދެރަވެ އެވެ.

ހަށިގަނޑު ދުޅަހެޔޮކަން މަތީ ބަހައްޓައިގެން ބަރުދަން ލުއިކުރަން ބޭނުން ނަމަ ހަށިގަނޑަށް އެއްވެސް ފައިދާއެއް ނުލިބޭ ކެއުންތައް ކެއުމުން ދުރުވާށެވެ. ބެލެންސް ޑައިޓެއް ނަގަމުން ކަސްރަތުކޮށް ފެން ބޯށެވެ. ހަށިގަނޑަށް ބޭނުންވާ އަރާމު ވެސް ދޭށެވެ. ކްރޭޝް ޑައިޓެއް ޖެއްސުމުން ލިބޭ ފައިދާއަށް ވުރެ، ލިބޭ ގެއްލުން ބޮޑުވާނެ އެވެ.